ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ލޯނު އެހީ ދީފިއެވެ.
މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވާފައި ވަނީ ސަޢުދީ ފަންޑުގެ ސީއީއޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ. 400 ހައުސިން ޔުނިޓް އިމާރާތްކުރަނީ ހުޅުމާލެ ދެވަނަ ދިޔަވަހީގައެވެ. މިއީ ސަޢުދީ ފަންޑުން 25 މިލިޔަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދް އަދި މާލީ ވަޒީރު މޫސާ ޒަމީރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ބޯހިޔާވަހިކަމުގެ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ލިބޭ މުހިންމު އެހީއެއްކަމަށެވެ. މި މަޝްރޫޢަކީ އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގޭ ދެމެހެއްޓެނިވި މަޝްރޫޢެއްކަމަށާއި، މާލޭގެ އާބާދީގެ ތޮއްޖެހުމަށް ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
Highlights from the inaugural event of 400 housing units in collaboration with the Ministry of Construction, Housing and Infrastructure and the Saudi Fund, attended by MD Mohamed Mauroof Jameel, DMD Fayaz Mansoor, and HDC management.#WithHDC pic.twitter.com/8yGXOqZ0Vf
— Housing Development Corporation (@hdcmaldives) April 14, 2025
ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދް ވިދާޅުވެފައިވަނީ މިހާތަނަށް 17 ލޯނު އެހީ މެދުވެރިކޮށް 40 މަޝްރޫޢުއަކަށް 488 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ތަރައްޤީއާއި، ފެނާއި ނަރުދަމާގެ އިތުރުން ތަޢުލީމީ އަދި ސިއްޙީ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ.
މި ހައުސިންގ ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސްޖިދު ޙަސަން އާދަމްއާ އިންވެގެންވާ ބިމުގައެވެ. މިހާރު ކުރިއަށްދަނީ ކޮންސަލްޓަންސީ ފަރމެއް ހޮވުމުގެ މަރުޙަލާ ކަމަށާއި، މިއަހަރުގެ ފަހު ކުއާޓަރގައި ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ. އަދި މިއަހަރަކީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް 1.2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ޚަރަދުކުރުމަށް ކަނޑައަޅާފައިވާ އަހަރެކެވެ.