މަޑުލު ވަޙީދު އަވަހާރަވުމާ ގުޅިގެން ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި މަޑުލު ވަޙީދު އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށެވެ. ނައިބު ރައީސް ވަނީ މަރްޙޫމްގެ މުޙައްމަދު ވަޙީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.

މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އޭނާ ވަނީ އަދަބީ ލިޔުންތައް ލިޔުއްވުމާއި، ޢަރަބި އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ އިތުރުން، ބަހުގެ އެކި އިދާރާތަކުގައި އިސް މަޤާމުތައް ފުރުއްވައި، ގިނަ ބަޔަކަށް ދިވެހިބަސް ކިޔަވައިދެއްވާފައެވެ.

އޭނާގެ އަގުހުރި ޚިދުމަތްތަކަށް ބަލައި، ސަރުކާރުން ވަނީ އެކި ދާއިރާތަކުން އިނާމުތައް ދެއްވާފައެވެ. މިގޮތުން 1985 ވަނަ އަހަރު ލިޔުންތެރިކަމުގެ ދާއިރާއިންނާއި، 1997 ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ދާއިރާއިން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 2019 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު