އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އިމިގްރޭޝަން ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި މި ބިލް، މަޖިލީހުން ބަލައިގަތުމަށްފަހު ފޮނުވާފައިވަނީ 241 ކޮމިޓީއަށެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ، އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރާ މާއްދާ އުނިކުރުމެވެ. މިހާރު ބިލުގައި ހިމަނާފައިވާ ގޮތުން، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން އުޅޭ މީހުންނަށް އެކަނި އެތެރެވުން މަނާވާނެއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ، އިމިގްރޭޝަނުން ކޮމިޓީއަށް އަންގާފައިވާ ގޮތުގައި، އެހެން ގޮތަކަށް މި ގާނޫނު ތަންފީޒުކުރުމަކީ ދަތިކަމަކަށް ވާނެތީއެވެ. މި ބަދަލާ އެކު، އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހުންނަށް އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮންނާނެއެވެ.

ސަރުކާރު ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ އިއްތިފާގުންނެވެ. ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ދަނޑިވަޅެއްގައި، މި ބިލުގެ މަސައްކަތް ނިންމާލެވިފައި މިވަނީ ގިނަ ދުވަސްތަކެއް ވުމަށްފަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު