ކޯވިޑްގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ހަވާލުކުރި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެދެއްވުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޯވިޑްގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، 75 ވެންޓިލޭޓަރަށް 34 މިލިއަން ރުފިޔާ ދީފައިވާއިރު، އެ ކުންފުނިން ފޯރުކޮށްދީފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. މިހާތަނަށް އައިއިރު ބާކީ ވެންޓިލޭޓަރުތަކާއި ފައިސާވެސް ދައުލަތަށް ލިބިފައެއް ނުވެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، އާބިޓްރޭޝަންގެ ތެރެއިން މައްސަލަ ހައްލު ނުވުމާއެކު، ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުމަށް ފުލުހުންގެ ކިބައިން އެދިފައިވެއެވެ. މިގޮތަށް ކުންފުނީގެ ވެރިޔާ ހޯދުމުން، ފައިސާއަށް ވީގޮތް ދެނެގަނެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލާގައި ބައެއް އިދާރީ މުވައްޒަފުންނަށް ފިޔަވަޅު އެޅިފައިވީ ނަމަވެސް، އިސް އޮފިޝަލުންނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ދައުވާކުރުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް، ކުރީގެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލަތައް އަނބުރާ ފޮނުވާލާފައެވެ. ދައުލަތަށް ގެއްލޭ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ޤާނޫނު އަވަހަށް ފާސްކުރަން ޖެހޭކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.