ފެނަކައިގެ އައިސްޕްލާންޓް މައްސަލާގައި ސައީދާއި މަސްއޫދުގެ މައްޗަށް ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން އައިސްޕްލާންޓްތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދާއި ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައަކީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓު ގަތުމުގައި ފެނަކައިގެ އުސޫލުތަކާ ހިލާފަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތާ ގުޅޭ މައްސަލައެކެވެ. އެ އައިސްޕްލާންޓަކީ ކުންފުންޏަށް ގެއްލުންވާނެ ޕްރޮޖެކްޓެއްކަމަށް ބޯޑުން ނިންމާފައިވަނިކޮށް، އަދި އެ ރަށުގައި އިތުރު އައިސްޕްލާންޓެއް އެޅުމަށް ނިންމާފައިވަނިކޮށް، ކުންފުނީގެ ބޯޑަށް ސައީދު ދޮގު މަޢުލޫމާތު ދީގެން ގަނެފައިވާ އައިސްޕްލާންޓެކެވެ.

އޭސީސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އައިސްޕްލާންޓު ގަތުމަށް ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅާފައިވަނީ މާކެޓް ވެލިއުއަށް ވުރެ މަތީ އަގެކެވެ. "އެ އަގު ކަނޑައަޅާފައިވަނީ މާކެޓް ވެލިއުއަށް ބެލުމެއްނެތި، އައިސްޕްލާންޓު އެޅި ކުންފުނިން ހުށަހެޅި އަގު ބޭނުންކޮށް އޮޅުވާލައިގެން،" އޭސީސީން ބުންޏެވެ.

މި މައްސަލައިގައި ދެ ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް އެދި ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިހާރުވެސް ސައީދުގެ ޕާސްޕޯޓު ވަނީ އޭސީސީގެ ތަހުގީގަށް ހިފަހައްޓާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު، އެ ކުންފުންޏާ މެދު ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ޕްރޮޖެކްޓްތައް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެނަކައިގެ މުވައްޒަފުން އޭސީސީއަށް ހުށަހަޅާފައިވާކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު