ގިނަ މީހުން އެމީހުންގެ ޅަފަތުގެ ދުވަސްވަރުގެ ހަނދާންތަކެއް ނުހުރެއެވެ. މިގޮތުން ގިނަ މީހުންނަށް ހަނދާން ހުންނަނީ 3 ނުވަތަ 4 އަހަރުގެ ފަހުން ދިމާވާ ކަންކަމުގެ ހަނދާންތަކެވެ. މިއީ "އިންފެންޓައިލް އެމްނީޝިއާ" ގެ ނަމުގައި ސައިކޮލޮޖީގެ ދާއިރާއިން ދިރާސާކުރެވިފައިވާ ކަމެކެވެ.
އެމެރިކާގެ ޔޭލް ޔުނިވަރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރ ޑރ. ނިކް ޓަރކް-ބްރައުން ވިދާޅުވި ގޮތުގައި، "އެޕިސޯޑިކް މެމޮރީސް ނުވަތަ ވަކި ހާދިސާތަކުގެ ހަނދާންތަކުގެ މައިގަނޑު ސިފައަކީ އެ ހަނދާންތައް އެހެން މީހުންނަށް ކިޔައިދެވުމެވެ. ނަމަވެސް ވާހަކަ ނުދެއްކޭ ކުޑަކުދިންނަށް މިކަން ނުކުރެވެއެވެ."
ސައިންސް ޖާނަލްގައި ޝާއިޢުކުރެވުނު ދިރާސާގައި، ކުޑަކުދިންނަށް ފޮޓޯ ދައްކައިގެން ހެދުނު ތަޖުރިބާތަކުން ދައްކާގޮތުގައި، ކުރިން ޤަބޫލުކުރެވިފައިވާ ގޮތާ ޚިލާފަށް، ހިޕޮކެމްޕަސް ނުވަތަ ސިކުނޑީގެ ހަނދާންތައް ރައްކާކުރާ ބައި ތަރައްޤީވަނީ ހަމައެކަނި ޒުވާން އުމުރުގައެއް ނޫނެވެ.
ކެނެޑާގެ ހޮސްޕިޓަލް ފޮރ ސިކް ޗިލްޑްރަންގެ ޑރ. ޕޯލް ފްރޭންކްލޭންޑް އަދި އެޑަމް ރަމްސަރަން ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ހަނދާންތަކަކީ ވަގުތީ ހަނދާންތަކެކެވެ. އަދި މި ދިރާސާއިން ދައްކާ ގޮތުގައި، ގާތްގަނޑަކަށް އެއް އަހަރު ފުރޭއިރު ކުދިންނަށް ވަކިވަކި ހަނދާންތައް ރައްކާކުރުމުގެ ޤާބިލުކަން ލިބިގެންދެއެވެ.