ފަލަސްޠީނުގެ ހަމާސް ހަރަކާތުން މިއަދު ހާމަކުރި ގޮތުގައި، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށްޓަކައި އިސްރާއީލާއެކު ކުރެވޭ ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޤަޠަރަށް ވަފުދެއް ފޮނުވުމަށް ނިންމައިިފިއެވެ. މި މަޢުލޫމާތު ހާމަކުރި ވަގުތު، ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 38 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ހަމާސްގެ އިސް އޮފިޝަލަކު ހާމަކުރި ގޮތުގައި، މިދިޔަ ދުވަސްތަކުގައި ޤާހިރާގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އައު ޝަރުތުތަކާ މެދު މަޝްވަރާކުރެވިފައެވެ. މީގެ ތެރޭގައި ހަމާސްއިން ހިފަހައްޓާފައިވާ 8 އިން 10 ރަހީނުން ދޫކޮށްލުމުގެ ހުށަހެޅުމެއްވެސް ހިމެނެއެވެ. ނަމަވެސް، އެ އޮފިޝަލް ފާހަގަކުރި ގޮތުގައި އެއްވެސް އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ނިމުމަކަށް ގެނައުމަކީ މައިގަނޑު ހުރަހެއްގެ ގޮތުގައި އޮތް ކަމެކެވެ.
ޖެނުއަރީ މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 8 ހަފްތާއަށް ހަނގުރާމަ ހުއްޓާލުމަށްފަހު، އިސްރާއީލުން ވަނީ ފާއިތުވި މަހު ހަނގުރާމަ އަލުން ފަށާފައެވެ. ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށް، އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާ، އަދި ހަމާސްއަށް ބާރު ފޯރުވުމަށްޓަކައި ސަރަހައްދުތަކެއް ހިފާފައެވެ.
މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި އިސްރާޢީލުގެ 1،200 އަށްވުރެ ގިނަ މީހުން މަރުވެ، 250 މީހުން ރަހީނުންގެ ގޮތުގައި ގެންދެވުނެވެ. މިހާރު ޣައްޒާގައި ތިބީ 59 ރަހީނުންނެވެ. އޭގެ ތެރެއިން 24 މީހުން ދިރި ތިބިކަމަށް ބެލެވެއެވެ.
އިސްރާއީލުގެ ނިރުބަވެރި ހަމަލާތަކުގައި 50،000 އަށްވުރެ ގިނަ ފަލަސްޠީނުން މަރުވެފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އާންމު ރައްޔިތުންނާއި ހަނގުރާމަވެރިންކަން ވަކިކޮށްފައި ނުވިނަމަވެސް، މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.