އެފްއޭއެމުން އިސްނަގައިގެން ބާއްވާ ވާދަވެރި ފުޓްބޯޅަ މުބާރާތް މިމަހުގެ 30 ގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވެއްޖެއެވެ. މިހާތަނަށް މާޒިޔާ، އޮޑި، ޓީސީ އަދި ވިކްޓްރީ ސްޕޯޓްސް ކުލަބުން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިމަހުގެ 10 ގައި ފެށުމަށް ހަމަޖެހިފައިވަނިކޮށް، އޭއެފްސީގެ ގަވަރނަންސް މެނޭޖަރ އަހުމަދު ހައްރާޒުގެ އެންގުމާ ގުޅިގެން ސީޒަން ފެށުން ވަނީ ހުއްޓިފައެވެ. އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ބޮޑު މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.
ފީފާއިން މަސައްކަތް ކުރަމުންދަނީ އޭޝިޔާގެ މުބާރާތްތަކާ އެއްގޮތަށް މިއަހަރުގެ ފުޓްބޯޅަ ސީޒަން އޯގަސްޓް މަހު ފެށުމަށެވެ. ސީޒަން ނުފެށުމަށް ނިންމާފައިވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރި މައްސަލަތަކަށް އިސްކަންދިނުމުގެ ގޮތުންނެވެ.