އޭނާ ބާސެލޯނާއަށް ބަދަލުވުމާ ގުޅިގެން ގިނަ ބަޔަކު ރެއަލް މެޑްރިޑުން ބާސެލޯނާއަށް ތާއީދުކުރަން ފެށި ކަމަށް މެކްސިކޯގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަދި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ރަފައެލް މާކެޒް ބުނެފިއެވެ.
މެކްސިކޯގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަދި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ރަފައެލް މާކެޒް ބުނެފައިވަނީ އޭނާ ބާސެލޯނާއަށް ބަދަލުވުމާ ގުޅިގެން ގިނަ ބަޔަކު ރެއަލް މެޑްރިޑުން ބާސެލޯނާއަށް ތާއީދުކުރަން ފެށި ކަމަށެވެ.
ފީގޯ، މާސެލޯ، އިކަރ ކަސިއާސް، އަންދްރެސް އިނިއެސްޓާ، ކާލެސް ޕުޔޯލް އަދި ރިވާލްޑޯ ފަދަ ތަރިން ބައިވެރިވި ބާސެލޯނާ އާއި ރެއަލް މެޑްރިޑުގެ ލެޖެންޑްސް ކްލާސިކޯގައި ބައިވެރިވުމަށްފަހު މާކެޒް ބުނީ "އަހަރެންގެ ސަބަބުން ގިނަ ބަޔަކު މެޑްރިޑުން ބާސެލޯނާއަށް ބަދަލުވި – އެކަމަކު އެއީ އެކަން ވާގޮތް، އަދި އެމީހުން އަހަރެންނަށާއި އަހަރެންގެ ޓީމް މޭޓުންނަށް ދެއްކި ލޯބި އަހަރެން ޝުކުރުވެރިވަން" ކަމަށެވެ.
2003 އިން 2010 އަށް ބާސެލޯނާގައި ކުޅުނު މާކެޒް ވަނީ 242 މެޗު ކުޅެ، 13 ގޯލު ޖަހައި، 13 އެސިސްޓް ދީފައެވެ. މި މުއްދަތުގައި އޭނާ ވަނީ ހަތަރު ލަ ލީގާ، ދެ ޗެމްޕިއަންސް ލީގު، އެއް ކްލަބް ވޯލްޑް ކަޕް، ދެ ސްޕެނިޝް ސުޕަރ ކަޕް، އެއް ޔޫއެފާ ސުޕަރ ކަޕް އަދި އެއް ކޯޕާ ޑެލް ރޭ ހޯދާފައެވެ.
ޗިލިޒް ގްރޫޕުން ޔޫރަޕް، އެމެރިކާސް އަދި އޭޝިއާގެ އަށް ގައުމެއްގައި ކުރި ސާވޭއަކުން ދައްކާގޮތުން ރެއަލް މެޑްރިޑް އަދި ބާސެލޯނާއަކީ އެ ގައުމުން ބޭރުގައި އެންމެ ގިނަ ފޭން ބޭސް އޮތް ދެ ކްލަބެވެ. ރެއަލް މެޑްރިޑަށް 15.6 އިންސައްތަ އަދި ބާސެލޯނާއަށް 10.4 އިންސައްތަ މީހުން ތާއީދުކުރާއިރު، މެންޗެސްޓަރ ޔުނައިޓެޑަށް ތާއީދުކުރަނީ 9.8 އިންސައްތައެވެ.
މެކްސިކޯ ޤައުމީ ޓީމުގެ ކުރިއަށް އޮތް މެޗުތައް
މެކްސިކޯ ޤައުމީ ޓީމުން ވަނީ ޖޫން 7 ގައި ސްވިޒަލޭންޑާ އަދި ޖޫން 10 ގައި ތުރުކީއާ ދެކޮޅަށް މެޗު ކުޅުމަށް ހަމަޖެހިފައެވެ. މި ދެ މެޗަކީވެސް ގޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗުތަކެކެވެ.