އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން މަޖިލީހުން ފާސްކޮށްފި

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެންނެވި އެ އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާޤުންނެވެ.

އެގޮތުން، އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ޤާނޫނަށް މަޖިލީހުން ގެންނެވި އިޞްލާހުގައި ވަނީ 7 އޮކްޓޫބަރު 2023އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުމަކަށް އަންނަންދެން، އިސްރާއީލްގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެއްކަމަށެވެ. ނަމަވެސް ޑުއެލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނެއެވެ. އެގޮތަށް ފާސްކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ލަފައާއި ގުޅިގެންނެވެ.

މިއަދު މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަނުން ދެއްވި ލަފައަކީ ދެޤައުމަކަށް ނިސްބަތްވާ ރައްޔިތުން ނުވަތަ ޑުއަލް ސިޓިޒަންޝިޕްގެ މީހުން ނުވަތަ އިސްރާޢީލުގެ ރައްޔިތެއް އެހެން ޤައުމެއްގެ ޕާސްޕޯޓުގައި އެތެރެވުން ބެލޭނެގޮތެއް ނޯންނަކަމަށެވެ. އެހެންކަމުން މިއީ އިމިގްރޭޝަންގެ ލަފައަށް ރިޔާއަތްކޮށް ގެނައި އިޞްލާހެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، 1967 ވަނަ އަހަރުގެ ސަރަހައްދީ ރޮނގުތަކާ ހަމައަށް، އިރުމަތީ ގުދުސް (އީސްޓު ޖެރުސަލަމް) އެމީހުންގެ ވެރިރަށްކަމުގައި ހަމަޖެހި، ފުރިހަމަ މިނިވަންކަން ލިބެންދެން ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެފައިވަނީ، ހަނގުރާމަ ހިނގަމުންދާހާ ހިނދަކު އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު ސަރުކާރުން ނުދޭނެކަމަށެވެ. އަދި 19 ވަނަ މަޖިލީހުގައި މިފަދަ ޤަރާރުތައް ހުށަހެޅިފައިވީނަމަވެސް، ޕާސްޕޯޓް މަނާކުރުމަށް ސީދާ ބަޔާންކޮށްފައިނުވާކަމަށް ފާހަގަކުރައްވާފައިވެއެވެ.

2023 އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި 62,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 114,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން ޣައްޒާގެ އާންމު ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ފުރިހަމައަށް ހަލާކުކޮށްލާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު