ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ އެއަތޮޅު އުއްދޫ ތަރައްޤީކޮށް، މިއަދުން ފެށިގެން ފީއަކާއެކު ދަތުރު ދެވޭގޮތަށް އެރަށް ހުޅުވާލައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އެކްސްގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި އުއްދޫއަށް ޕިކްނިކް ދެވޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ ރަށެކެވެ. ނަމަވެސް އެރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، މިހާރު އެރަށް ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ހަވާލުކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެބްރުއަރީ މަހު އެއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އުއްދޫ އެއަތޮޅު ރައްޔިތުންނަށް ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން ބާރުވެރިކުރުވައި، ރަށްރަށަށް އާމްދަނީ ވަންނާނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.
އުއްދޫއަށް ޕިކްނިކް ދިއުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9108899 ނުވަތަ 7777848 ނަންބަރަށް ގުޅުއްވުމަށް ވުޒާރާއިން އަންގަވާފައިވެއެވެ.