26 އެޕްރީލް 2025
ރަމަޟާންމަހަކީ އަމާން އަދި ރައްކާތެރި މަހެއްގެގޮތުގައި ދެމެހެއްޓުމަށް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް، ފޮޓޯ: ފުލުހުން

ދޮށީ އުމުރުގެ މީހުންނަށް ދޫކުރާ ޚާއްސަ ލައިސަންސާ ގުޅިގެން ކުރީގެ ލައިސަންސެއް ބާތިލެއް ނުވާނެ: މިނިސްޓްރީ

60 އަހަރުން މަތީގެ މީހުންނަށް ދޫކުރަން ނިންމާފައިވާ ޚާއްސަ ލައިސަންސާ ގުޅިގެން، މީގެ ކުރިން ދޫކޮށްފާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ބައެއް ފަރާތްތަކުން ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ޤަވާއިދަށް ގެނައި 2ވަނަ އިސްލާހުގައި ބުނެފަވަނީ، ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް، ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ލައިސަންސެއް ދޫކުރެވޭނެކަމަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސަކީ 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެކެވެ.

މި ޤަވައިދާ ގުޅޭގޮތުން އޮޅުން އަރާގޮތަށް ބައެއް މަޢުލޫމާތުތައް ފެތުރެމުންދާތީ، ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރެފަވާ ނުސްބަޔާނެއްގައި ވިދާޅުވީ، މި އުސޫލާ ގުޅިގެން މީގެކުރިން ދޫކޮށްފަވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެކަމަށެވެ.

މީގެކުރިން ދޫކޮށްފަވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާއްމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަޙައްދެއްގައި ދުއްވުމަށް 60 އަހަރުވެފަވާ ފަރާތްތަކަށްވެސް ހުރަހެއް ނެތްކަމަށެވެ.

މިފަދަ ހުއްދައެއް ޤަވާއިދުގެ ތެރެއިން ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ އާއްމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، ލައިސަންސާ ގުޅޭ އާއްމު އިމްތިހާނުތައް ފުރިހަމަކުރުމާ ނުލައި، ފަސޭހައިން މި ފުރުޞަތު ލިބޭނެ ގޮތް ފަހިކޮށްދިނުންކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވަން ބޭނުންވާ 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ޤަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުމަކަށް ވުޒާރާއިން ވިދާޅުވެއެވެ.

އެހެންކަމުން އިސްރަށްވެހިންނަށް ޤަވާއިދުގެ ތެރެއިން ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެތެރޭގައި، ހަރަކާތްތެރިވެވޭނެގޮތަށް މިނިސްޓްރީއިން ގެނެސްފައިވާ ފަސޭހަ ހެޔޮ ބަދަލުގެ މަޤުސަދު ގެއްލުވާލާ، މަޢުލޫމާތު އޮޅޭގޮތަށް އެއްވެސް ފަރާތަކުން ޕޯސްޓްތަކާއި އާޓިކަލްތައް ދައުރުނުކުރުމަށް ދަތުރުފަތުރަ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު