26 އެޕްރީލް 2025
މޯލްޑިވްސް ޕޮލިސް ސާވިސްގެ މައި އިދާރާ، ޙުސައިން އާދަމް ބިލްޑިންގ

14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަޙުޤީޤު ނުނިމި ލަސްވާ ސަބަބު ފުލުހުން ހާމަކޮށްފި

14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަޙުޤީޤު ނުނިމި ލަސްވާ ސަބަބު ފުލުހުން ހާމަކޮށްފިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް (އމ، ފ، ދ، ތ، ލ) ސަރަޙައްދުގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 2022 ޖަނަވަރީ 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤުގައި، މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަޙުލީލުތައް ހަދައި، 6 މީހެއްގެ ބަޔާނާއި ހެކިބަސް އަދި 2 މީހެއްގެ ބަޔާން ނަގާފައިވެއެވެ. ނަމަވެސް، މަތީގައި ދެންނެވުނު ތަޙުލީލުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ފުލުހުން ފާހަގަކުރި ގޮތުގައި، ތުހުމަތުކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖްތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަޙުލީލުތަކުންވެސް ފެނިފައިނުވެއެވެ.

މި މައްސަލަ ތަޙުޤީޤުކޮށް 2022 އޭޕްރިލް 22 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޝްވަރާއަށް ފޮނުވުމުން، ބައެއް އިސްލާޙުތައް ގެނައުމަށް ޕީޖީ އިން އެދިފައިވެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި އިސްލާޙުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް ވަނީ ނުނިމިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު