26 އެޕްރީލް 2025

ހިރިގާ މަތިން (6 ވަނަ ބައި)

ހިންޏެއް ހިރޭހާ މަޑުމަޑުން ޕަރީ އައީ މައްޗަށެވެ. އީތަން ކަޅިވެސް ޖަހާލަން ނޭނގިފައި ހުއްޓާ ޕަރީ އައިސް ފެނުން މައްޗަށް ބޯ ހިއްލާލައިފިއެވެ. ކަންބޮޑުވުމާއި ޖެހިލުންވުމުގެ އަސަރު ޕަރީގެ ދެލޮލުން ހުރީ ހާމައަށް ފެންނާށެވެ. އީތަން އެކޭ އެއްފަދައިން މިހާރު އެއީވެސް ޒުވާން ކުއްޖެކެވެ. ކުޑައިރު ފެނުނު ގޮތާއި މުޅިން ތަފާތު އެއަށްވުރެންމާ ފުރިހަމަ އަންހެން ކުއްޖެކެވެ. ވިލު ފެހިކުލައިގެ އެ ރީތި ކަޅިރަވައާއި ދޮން މޫނުގެ ޖާދޫގައި ޖެހިގެން ދިޔަ އީތަންއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް ލިބިގެން ދިޔަހެންނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ބުނަންވީ ކީކޭ ކަމެއްވެސް އީތަންއަކަށް ނޭނގުނެވެ. އެހާ ބޮޑަށް އީތަން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އީތަން އިތުރު އެއްޗެއް ނުބުނުމުން ޕަރީ ދިމާކުރީ އަލުން އަޑިއަށް ފީނައިގަންނާށެވެ.

"ނޫން.. ނޫން.. މަޑުކުރޭ."

އީތަންގެ އަޑު ނުކުތީ ބޭއިހުތިޔާރުގައެވެ. ސިހިފައި ޕަރީ ބަލާލީ އީތަންގެ މޫނަށެވެ. އެހާ ކައިރިން އިންސާނަކު ފެނުމުން ޕަރީ ބިރުން ހުރިކަން އީތަންއަށް ވިސްނުނީ ދެނެވެ.

"މަ ކިތައްފަހަރު ބުނިން ތީ އަސްލެކޭ. އެކަމަކު އެކަކުވެސް ގަބޫލެއް ނުކުރި މަދެއްކި ވާހަކަ."

ހިނިގަނޑެއް ޖަހާލަމުން އީތަން އެތަނުގައި އިށީނދެއްޖެއެވެ.

"މި ވީހާ ދުވަހު މަ ހީކޮށްގެން މިއުޅެނީ ތީ އެދުވަހު ހޭލާހުއްޓާ މަށަށް ފެނުނު ހުވަފެނެއްކަމަށް. ސައްތާރުބެ ހެން މަވެސް މޮޔަވީކަމަށް. އެހެންނު ވާނީ ތީ އުޅޭ އެއްޗެއްކަން ގަބޫލުކުރާ މީހަކު މިދުނިޔޭގަ ނެތް މަށާއި ސައްތާރުބެ ނޫނީ. އެނގޭތަ މީގެ އަހަރުތަކެއް ކުރިން ސައްތާރުބެ ވެސް ތީގެ ފެނުޕަރީއެއް ހަމަ މިތަނުން ފެނިގެން އެވާހަކަ ދެއްކި. ސައްތާރުބޭ ބުނީ ތިމަންނަ ބާރަ ފަހަރު އޭނަ ދުށީމޭ.  އޭގެ މާނައަކީ އެދުވަހު ސައްތާރުބޭ ދެއްކި ހުރިހާ ވާހަކައަކީ ވެސް ހަގީގަތެކޭތަ.؟ މިރަށަށް އަރަނީ ފެނުޕަރީތަ.؟"

އީތަން ހީނހީފައި ވާހަކަ ދައްކަން ފެށުމުން ދާދި އަވަހަށް ޕަރީގެ ހިތުން ބިރު ފިލާ ހިނގައްޖެއެވެ. އީތަންގެ ސުވާލަށް ޖަވާބު ދޭން ނޭނގުނަސް އީތަންގެ ވާހަކަ ނިމުމުން ޕަރީ އޭނާގެ ތުންފަތަށް ވެރިކުުރުވާލީ ލޯބި ހިނިތުންވުމެކެވެ. އެހިނިތުންވުން ކުޅެލީ އީތަންގެ ހިތުގެ އެންމެ ހިމަނާރާއެވެ. ޕަރީގެ ފުރިހަމަކަމުގެ ޖާދޫގައި ޖެހި ހަމަ ރަނގަޅަށް އީތަންގެ ނަފުސު އޮޔާއި ބެހިގެން ހިނގައްޖެއެވެ.

"ކޮން ނަމެއްތަ ކިޔައީ.؟ ފުރަތަމަ މިކޮޅަށް އާދެބަލަ. މިތަނަށް އެރޭނެތަ."

ކައިރިން އިށީންނާނެ ތަން ދައްކަމުން އަންނަން އިޝާރާތް ކޮށްލުމުން އީތަން އެބުނީ ކީކޭކަން ޕަރީއަށް ވިސްނިއްޖެއެވެ. ދެކޮޅު ހެދުމެއްނެތި ޕަރީ ފީނައިގަތީ އަޑިއަށެވެ. ދެފެން ދޭތެރެއިން ފީނާލާފައި އައިސް ޕަރީ ބޯހިއްލާލީ އީތަންގެ ކައިރިންނެވެ. އަދި ބިރެށް ސިހުމެއްނެތި އަރާ އީތަން ކައިރީ އިށީނދެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން އީތަން ބަލަން އިނީ ޕަރީގެ ހަށިގަނޑަށެވެ. ދުނިޔޭގެ ހުރިހާ ރީތިކަމަކަށް ވުރެން ޖާދުވީ އެ ދެލޮލުގެ ވިދުން ގަދައެވެ. ވީ ބައްޓަމީ މޫނުގައި އައިބެއްގެ ކަންފުޅެއް ވެސް ފެންނާކަށް ނެތެވެ. ވަރުގަދަ ދިގު އިސްތަށިގަނޑު ދެކޮނޑުމަތިން ކުރިމައްޗަށް ވައްޓާލާފައި އޮތްއިރު މޫދުގެ ފެންގަނޑުގައި ޖެހޭހާ އެއިސްތަށިގަނޑު ދިގެވެ. ޕަރީގެ މޫނަށް އީތަން ދޫކޮށްލި ނަޒަރު ތިރިވީ ޕަރީގެ ފިނދުފަތްގަނޑަށެވެ. މުށިކުލައިގެ ބޮޑެތި ހުޅުނބުތަކަކުން ދިހުން އަރަމުން ދިޔަ އެފިދުފަތްގަނޑު ފެނުމުން އީތަން އަނގަ ހުޅުވިިއްޖެއެވެ. މުޅި ހަޔާތުގައި ވެސް މިވަރުގެ ބޮޑު އަަޖައިބެއް އީތަން ނުދެކެއެވެ.

"ސުބްހާނަ ﷲ. ތީ ހަމަ އަސްލެއްތަ؟"

ސަހަރޯ ހީވެފައި އީތަންއަށް ބަލާލެވުނީ ޕަރީގެ މޫނަށެވެ. އޭރު ޕަރީވެސް ދިޔައީ ފަރުވާތެރި ކަމާއެކު އީތަންއަށް ބަލަމުންނެވެ. އީތަންގެ ތުބުޅިއާއި ލައިގެންހުރި ޓީޝާޓަށް ބަލަމުން ގޮސް ޕަރީގެ ނަޒަރު ހުއްޓުނީ އީތަންގެ އަތްތިލައަށެވެ. ބޯ އަރިކޮށްލަމުން ގުދުވެލާފައި ޕަރީ އެއަތްތިލައަށް ރީތިކޮށް ބަލާލައިފިއެވެ.

ޕަރީ ތަފާތު ގޮތަކަށް ބަލަންފެށުމުން އީތަންއަށް ބަލާލެވުނީ ޕަރީގެ އަތަށެވެ. އެއަތުގައި އިނީ ތޫނު ވަކިތަކެއް ކަހަލަ ނިޔަފަތިތަކެއް ހުރި ހަތަރު އިނގިއްޔެވެ.3

"ހަތަރު އިނގިލިތަ.؟ ދައްކަަބަލަ."

އީތަން ޕަރީގެ އަތުގައި ހިފަން އަތް ދިއްކޮށްލުމާއެކު ކުއްލިއަކަށް ޕަރީ ދެއަތް ލީ ފުރަގަހަށެވެ. އީތަންއަށް ބަލާލެވުނީ ޕަރީގެ މޫނަށެވެ. ޕަރީ އޭރުވެސް ބަލަމުން ދިޔައީ އީތަންގެ ހަށިގަނޑަށެެވެ. ޕަރީ ފެނިގެން އީތަންއަށް ލިބުނު ހައިރާންކަމަށް ވުރެން ބޮޑު ހައިރާންކަމެއް، އިންސާނަކު އެހާ ކައިރިން ފެނުމުން ޕަރީއަށް ލިބިގެން އުޅޭ ހައިރާންކަން މާ ބޮޑު ކަހަލައެވެ. ޕަރީ ގުދުވެފައި އީތަންގެ ދެފައި ތިލައަށް ބަލަން ފެށުމުން އީތަން6 ހޭން ފަށައިފިއެވެ. ހައިރާންވެފައި ޕަރީ ބަލާލީ އީތަންގެ އަނގައަށެވެ.

"މިހާރު ހުންނާނީ ބެލިފަ. ދެން ނަން ބުނެބަލަ. ވާހަކަ ދައްކަން އެނގޭތަ. ނަމެއް ކިޔާތަ.؟."

ބާކީ އޮތް ކަނަމަދު ޕަރީއަށް ދިއްކޮށްލަމުން އީތަން ލޯބިން ސުވާލުކޮށްލީ ކޮންމެވެސް ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައެވެ. އީތަންގެ އަތަށް ބަލާލާފައި ޕަރީ ހިނިތުންވެލިއެވެ. އެއަށްފަހު ޕަރީ ފުންމާލީ މޫދަށެވެ. ގޮވާލަން އީތަން އަނގަހުޅުވާލުމުގެ ކުރިން ކަނޑުއޮޅީގެ ތެރެއަށް ދެމިގަނެގެން ޕަރީ އަޑިއަށް ހިނގައްޖެއެވެ. ކުއްލިއަކަށް ޕަރީ ކަންތަށް ކުރިގޮތުން އީތަންއަށް ލިބުނީ ސިހުމެކެވެ. އެހެން މީހަކު އެދިމާއަށް އަންނަނީއޭ ހީވުމުން ތެދުވެ ބޯދިއްކޮށްލަމުން އީތަން ބޯހަރޭއާ ދިމާއަށް ބަލާލައިފިއެވެ. ނަމަވެސް އީތަން ފިޔަަވައި އިތުރު މީހަކު އެތާކު ނެތެވެ. ބޯކަހާލަމުން އީތަން އަލުން އިށީނީ ޕަރީ ދިޔަދިމާއަށް ބަލާލަމުންނެވެ. އެވަގުތު ޕަރީ އައިސް ފެނުން މައްޗަށް ބޯހިއްލާލުމަށް ފަހު އަރައި އީތަން ކައިރީ އިށީނދެއްޖެއެވެ. އޭރު ޕަރީ އަތުގައި އޮތީ ސަންގެކެވެ. ސަންގު އޮތީ އޭގެއިން ދިހުން އަރާހާ ބޮޑަށް ދޮވެ ސާފުކޮށްލާފައެވެ. ހިނިތުންވެލަމުން ދެއަތުން ހިފައި ޕަރީ އެސަންގު ދިއްކޮށްލީ އީތަންއަށެވެ. އީތަން ކަނަމަދު ދިނުމުން ޕަރީވެސް ބަދަލުގައި ހަދިޔާއެއް ދިނީކަން އީތަންއަށް ވިސްނިއްޖެއެވެ.

"ވާއޮ. ސަންގެއް ދޯ. މީ މަށަށްތަ.؟"

އީތަންއަށް ޕަރީގެ އަތްތިލަ ދެވަނަ ފަހަރު ފެނުނީ އޭގައި ހިފި ވަގުތުއެވެ. އިރުކޮޅެއް ކުރިން ވަކިތަކެއްހެން ފެނުނު ހަތަރު އިނގިލީގެ ބަދަލު މިހާރު ފެންނަން އެހުރީ ފަސް އިނގިއްޔެވެ. ދެންމެ ނިޔަފަތި ކަނޑައި އޮމާން ކޮށްލާފައި ހުރި ކަހަލައެވެ. އިންސާނެއްގެ އަތްތިލައާއި އެއަތްތިލާ އެއްވެސް ތަފާތެއް މިހާރު ފެންނާކަށް ނެތެވެ. އީތަން ހިފީ ޕަރީގެ އަތުގައެވެ. މަޑުމަޑު އެއަތްތިލަ އެހާމެ ފިންޏެވެ.

"މަށަށް ޔަގީން އިރުކޮޅެއް ކުރިން މަށަށް ފެނުނީ ހަތަރު އިނގިލި."

ދެފުށުން ޖަހާ އެއަތްތިލަ ބަލާލުމަށް ފަހު އީތަން ބަލާލީ ޕަރީގެ މޫނަށެވެ. ޕަރީ މިފަހަރު ވެސް ހަދިޔާ ކޮށްލީ ހިނިތުންވުމެކެވެ.

"އަހަރެން މިދައްކާ ވާހަކަ ޕަރީއަށް އެނގޭތަ.؟ ނަން ބުނެބަލަ. ކޮން ނަމެއްތަ ކިޔަނީ.؟ މަށަށް ކިޔަނީ އީތަން. އީތަން."

މޭގައި އިނގިލި ޖައްސާލުމަށް ފަހު އީތަން ބުނެލިއެވެ. ޖަވާބުގައި މިފަަހަރު ވެސް ޕަރީ ހިނިތުންވެލިއެވެ. އީތަން ކިޔާ އެއްވެސް އެއްޗެއް ޕަރީއަށް ނުވިސްނޭކަން އީތަންއަށް ޔަގީންވީ ދެނެވެ.

"ކިޔާ އެއްޗެއް ނޭނގެންޏާ ވަރަށް ސަކަރާތްވީ. އެކަމަކު ހާސްނުވޭ މަ ދަސްކޮށްދޭނަން ޕަރީއަށް ވާހަކަ ދައްކަން. ތީ ޕަރީ އިނގޭ. މަށަށް ކިޔަނީ އީތަން. ކިޔާބަލަ. ޕަރީ…"

އަތުގެ އިޝާރާތާއިއެކު އީތަން ޕަރީއަށް ދެމީހުންގެ ނަން ދަސްކޮށްދޭން މަސައްކަތް ފަށައިފިއެވެ. ޕަރީ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަން ފެނުމުން އީތަންއަށް ލިބުނީ އަައު ހިތްވަރެކެވެ. ނަމަވެސް އަނގަ ހުޅުވާލާފައި އަޑެއްވެސް ލައްވާނުލައި ޕަރީ ހިނިތުންވުމަކުން ނިންމާލީއެވެ. އީތަންއަށް ދޫކޮށްލެވުނީ ފިނި ނޭވައެކެވެ.

"ސަންގު ފުމަން އެނގޭތަ. މަށަށް ވެސް ނޭނގެ."

މައުލޫއު ބަދަލު ކޮށްލަމުން އީތަން ސަންގުގެ ކޮޅުގައި އަނގަ ޖަހާ ފުމެލައިފިއެވެ. ފުރަތަމަ ދިޔައީ ވައިކޮންނެވެ. ނަމަވެސް ހައެއްކަ ފަހަރަކު ފުމެލުމުން ރީތިކޮށް އޭގެއިން އަޑު ނުކުމެއްޖެއެވެ. އަހާލަން ފަސޭހަ ހިތްގައިމު އެއަޑު ދިޔައީ ގުގުމައިގެންނެވެ. އައު ކަމެއް ދަސްވުމުން އީތަން ޕަރީގެ މޫނަށް ބަލާލީ ހެވިލާފައެވެ.

"އަން ފުމެލަބަލަ. ވާހަކަ ދައްކަން ނޭނގުނަސް ފުމަން…"

ކުއްލިއަކަށް އީތަން އަނގަމަތީ ޕަރީ އަތްއަޅާއިފިއެވެ. އެހާ ބާރަށް އަތްއެޅުމުން އީތަންއަށް ބަލާލެވުނީ ދެބުމަ ގޮށްޖަހާލަމުންނެވެ. އޭރު ބޮޑު ބިރެއްްގެ ހިލަން އިހުސާސް ކުރެވިގެން ޕަރީ އިނީ ހުށިޔާރު ވެގެންނެވެ. ޕަރީގެ ލޮލުގެ ފެހިކުލަ ކަޅު ރަތްކުލައަކަށް ބަދަލުވެފައި ހުރިތަން ފެނުމުން އީތަންއަށް ލިބުނު ހައިރާންކަން ވަކިން ބޮޑުވެއްެޖެއެވެ. ދެފަހަރަކު އެތެރެއަށް ނޭފަތް ދަމާލުމަށްފަހު އަޑެއް ބަޑެއް އިއްވާނުލާ ޕަރީ މޫދަށް ފައިބައިފިއެވެ.

"ކިހިނެއްވީ.؟"

ވީގޮތެއް ނުވިސްނިފައި ފަރާތް ފަރާތް ބަލާލުމަށް ފަހު އީތަން ތެދުވީ ކޮޅަށެވެ. މީހަކު އަންނަނީއޭ ހީވުމުން ތެދުވެ ހިރިގާމަތިން ބޯ ހިއްލާލުމަށް ފަހު އީތަން ބަލާލީ ބޯހަރޭއާ ދިމާލަށެވެ. އޭރު ދެފުލުހަކު މޫދަށް އެރިގެން އެ ހިރިގަލާއި ދިމާއަށް އަންނަނީއެވެ. އީތަން ބޯދިއްކޮށްލިތަން ފެނުމުން އެތަނުން އެއް ފުލުހަކު އެދިމާއަށް އިނގިލި ދިއްކޮށްލައިފިއެެެވެ. ކުއްލިއަކަށް އީތަން ހުރިތަނަށް ތިރިވެއްޖެއެވެ. އީތަން ހާސްވިތަން ފެނުމުން ބަލަން އޮތް ޕަރީ ގަތީ ބިރެވެ.

"މަގޭ ދުވަސް މިދިޔަައީ. ޕަރީ މިތަނުން އަވަހަށް ދޭ. ފަހުން މަ އަންނާނަން."

އީތަން ހާސްވެގެން ތެޅެން ފެށުމުން މޫދަށް ފުންމާލުމަށް އެދި އަވަސް އަވަހަށް ޕަރީ އަތުން ހަނާ އަޅާލައިފިއެވެ.

"އުހުން. މަށަކަށް ފަތާކަށްް ނޭނގެ. އެމީހުނަށް ނުފެންނަނީސް ޕަރީ ދޭ.  މަ އެހެން ގޮތަކުން ފިލާނަން."

އީތަން ހުރީ އަވަސް އަރާފައެވެ. އީތަން މޫދަށް ފުންމާނުލުމުން ބަލަން ނޯވެ ޕަރީ އީތަން އަތުގައި ހިފާ މޫދަށް ވައްޓާލައިފިއެވެ. އީތަންއަށް ހަޅޭލަވައި ގަނެވުނީ ބޭއިހުތިޔާރުގައެވެ. ފުލުހުންނަށް ރީތިކޮށް އެއަޑު އިވުނެވެ. ފިނދުފަތްގަނޑަށް ލެވުނުހާ ބާރެއްލުމަށް ފަހު ޕަރީ ފީނައިގަތީ އީތަން ގޮވައިގެން އަޑިއަށެވެ. ބިރުން ތެޅިގެންފައި އީތަން ބައްދައިގަތީި ޕަރީގެ ކަރުގައެވެ. ގަތްބިރެއްގެ ބޮޑުކަމުން އީތަންއަށް ހީވީ އޭނާގެ އެންމެ ފަހު ވަގުތުކޮޅު އައިސް އޭނައާ ކުރިމަތިލި ހެންނެވެ. ޕަރީގެ ދުވެލި ބާރެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޕަރީ ބޯހިއްލާލީ އެހިރިގަލާއި ފުދޭވަރަކަށް ދުރު ހިސާބަކުންނެވެ. އީތަން އަރުބުޑުން ރޮއެގަންނަމުން އަރައިގަތީ ޕަރީގެ ބޮލަށެވެ. ޕަރީ ފަސްއެނބުރި ބަލާލީ ހިރިގަލާއި ދިމާއަށެވެ. ދެފުލުހުންނަށް އޭރު އަދި ހިރިގަލާއި ހަަމައަށް ނުދެވެއެވެ. އެކީ އަނދިރި ނުވިއަސް އިރުއޮއްސިފައި އޮތުމުންް، އެދެމީހުނަށް އީތަންއާއި ޕަރީ އެހާ ދުުރުން ފެނުމަކީ ނާދިރު ކަމެކެވެ. ހިނިތުންވެލަމުން ޕަރީ ބަލާލީ އީތަންގެ މޫނަށެވެ.

"ހެޔޮނުވާނެ މަ ފުއްޓަރު މައްޗަށް އަރުވާފަ ޕަރީ ދޭ. މަށަށް ވަރިހަމަ އެމީހުނަށް މަ ފެނުނަސް. އެކަމަކު ދެން މަ ގޮވައިގެން އަޑިއަށް ހިނގައްޖިއްޔާ ޕަރީއަށް  ދެވަނަ ފަހަރު މަ ހޯދާކަށް ނުކެރޭނެ. ޕަރީ ނޫން. ޕަރީ…"

އީތަން ހަޅޭއްލަވަލަަވައި އޮއްވައި ޕަރީ އީތަން ގޮވައިގެން އަޑިއަށް ފީނައިގެންފިއެވެ. ދެލޯ މަރައި ތަގުނޑި ކުރަމުން އީތަންއަށް މިފަހަރު ވެސް ބެއްދުނީ ޕަރީގެ ކަރުގައެވެ. ބާރު ދުވެލީގައި އެެދިޔަ ގޮތަށް ގޮސް ޕަރީ ބޯ ހިއްލާލީ އީތަންގެ ރަށާއި ދިމާއިން ފުއްޓަރު ކައިރިންނެވެ. ނޭވާ ކުރުވެފައި އޮތް އީތަންގެ ފައި ގަލެއްގައި  ޖެހުމާއެކު ބާރަށް ކެއްސަމުން އީތަން ގާތަކުގެ މައްޗަށް އަރައި އެތަނަށް ވެއްޓިގެންފިއެވެ. އަނދިރިކަން ދުނިޔެ ހިސާރު ކުރަމުން ދިޔަ ވަގުތުކަމުން ފުއްޓަރު މަތީ އެވަގުތު އެކަކުވެސް ނެތެވެ. ދެލޯ މަރައިގެން އޮވެ މައި ނޭވާތަކެއް ލަމުން ދިޔަ އީތަންގެ ބޮލަށް ހުރީ އެނބުރުން އަރާފައެވެ. އީތަން ލޯ ހުޅުވާލީ މާދުރުން ގޮވަންފެށި މަޤްރިބު ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ބޯ ހިއްލާލަމުން އީތަން ބަލާލީ ރަށާއި ދިމާއަށެވެ. އަމިއްލަ ރަށް ފެނުމުން ކެއްސަމުން ތެދުވެ އީތަން އިށީނދެއްޖެއެވެ.

"ޕަރީއާއެކު އުޅެން ވެއްޖިއްޔާ މަ މަރުވާކަށް ލަހެއް ނުވާނެދޯ."

އީތަން ބަލާލުމުން ޕަރީ ހިނިތުންވެލީ އޭނާ އީތަންއަށް ހަދިޔާކުރި ސަންގު ދިއްކޮށްލަމުންނެވެ. ދެންެމެ ގެންފައިހުރި ބިރު ފިލާ ދިއުމުން އަނެއްކާ ވެސް އީތަން ހަމަޖެހިލައިފިއެވެ. ހީނލަމުން އީތަން އޭގައި ހިފީ ޕަރީއަށް ޝުކުރު އަދާކޮށްލަމުންނެވެ. އީތަން އޭގައި ހިފުމުން އަތުން ހަނާ އަޅާލުމަށްފަހު ކަނޑުއޮޅީގެ ތެރެއަށް ޕަރީ ފީނައިގެންފިއެވެ. ޕަރީ ގޮސް އޮބާލުމުން އީތަންއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. އީތަން ބޭނުންވީ ކޮންމެ ވަގުތަކު ޕަރީއާއި ބައްދަލު ވާނެކަމުގެ ޔަގީންކަން އޮތުމުން އެވަގުތު ޕަރީ ހިފަހައްޓަން އީތަންވެސް މަސައްކަތެއް ނުކުރެއެވެ. އީތަން އަވަސްވެގަތީ އެއްކޮށް އަނދިރިވުމުގެ ކުރިން ރަށަށް އަރާށެވެ. އަވަސް ހިނގުމެއްގައި ގޮސް އީތަން އެއްގަމަށް އެރީ އޭނާގެ ގެ ހުރި މަގާ ދިމާލުންނެވެ. އެ މަގުން އެއްގަމަށް އަރައިގެން އައިއިރުވެސް އީތަންގެ ތުންފަތްމަތީ ދުވެލަ ދުވެލާ ހުރީ ރީތި ހިނިތުންވުމެކެވެ. އެވަގުތު އީތަންއަށް ވުރެން ބޮޑަށް އުފާވެފައިހުރި ދެވަނަ މީހަކު މިދުނިޔޭގައި ނުވާނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އުފަލުންހުރެ ގޮސް އީތަން ވަނީ ގޭގެ ގޯތިތެރެއަށެވެ. އީތަންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އަލިކަމެއްނެތް ގެއެވެ. ގޭތެރޭގައި ބޮތްކެއްހާ ހިސާބު ވެސް ދިއްލާލާފައި ނެތެވެ. ކަރަންޓު ބިލު އަދިވެސް ނުދައްކަނީއޭ ހިތަށް އެރުމުން އީތަން ގޮސް ސުވިޗު ޖައްސާލައިފިއެވެ. ގޭތެރެއަށް އަލިކަން ވެރިވެގެން ހިނގައްޖެއެވެ. އީތަންއަށް ހައިރާންކަމެއް ލިބިގެން ދިޔައީ ގޭތެރެއިން ކުއްޖެއްގެ އަޑެއް ބަޑެއް ނީވުމުންނެވެ. މުރުޝިދާއާއި ޝާޔާ އަދި ފާއިޒާ ވެސް ފެންނާކަށް ނެތެވެ. މުޅި ގެ ނިއްވާލާފައި އެންމެން ނުކުމެގެން އެދިޔައީ ކޮންތަނަށް ކަމެއް އީތަންއަކަށް ނުވިސްނުނެވެ. މާބޮޑު ކަމަކަށް ނަހަދައި އީތަން ގޮސް ވަނީ ކޮޓަރިއަށެވެ. ޕަރީ ހަދިޔާކުރި ސަންގު ރީތިކޮށް ދޮވެލުމަށްފަހު އީތަން ފާހާނައިން ނުކުތީ ފެންވަރާލައިގެންނެވެ. އޭރުވެސް މުރުޝިދާ ގެއަކަށް ނާދެއެވެ.       "މަންމާ."

ބަދިގޭގައި މުރުޝިދާ ފެންނަން ނެތުމުން އީތަން ގޮސް މުރުޝިދާ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އެކަކުވެސް ގޭގައި ނޫޅޭކަން ޔަގީން ވުމުން އީތަން ނުކުތީ މަގުމައްޗަށެެވެ. މަގުގެ ދެކޮޅަށް ނަޒަރު ހިންގާލި އީތަންގެ ލޮލުގައި އަޅައިގަތީ ބަނދަރު މައްޗަށް އެއްވެފައި އޮތްހާ މީހުންނެވެ. ވަގުތުން އީތަން ހިނގައިގަތީ އެދިމާއަށެވެ. ވާނުވާ ނޭނގިހުރެ އީތަން ގޮސް އެންމެންގެ ތެރެއަށް ވަދެއްޖެއެވެ. އީތަންގެ ލޮލުގައި އެންމެ ކުރިން އަޅައިގަތީ ޒުހުރީގެ ޑިންގީއަށް އަރަން ތައްޔާރުވަމުން ދިޔަ މުރުޝިދާއެވެ.މުރުޝިދާ ދިޔައީ ރޮމުންނެވެ. ހަސީނާ މުރުޝިދާއާ ޖެހިގެން ހުއްޓެވެ. އޭރު ދަރިންތަށް ގޮވައިގެން ޝާޔާއާއި ފާއިޒާ ޑިންގީއަށް އަރާ އިށީނދެގެން ތިއްބެވެ. އެންމެންެގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.

"މިހިރީ ނޫންތަ އީތަން."

މަންމައަށް ގޮވާލަން އީތަން އަނގަ ހުޅުވާލި ވަގުތު އެތަނުގައި ހުރި މީހަކު މާ ބާރަކަށް ގޮވާލައި އެންމެންގެ ސަމާލުކަން އަތުލައިފިއެވެ. އެންމެން ބަލާލީ އީތަންގެ މޫނަށެވެ. ވާނުވާ ނޭނގިފައި ހުރި އީތަން ފެނުމުން މުރުޝިދާ ރޮއެގަންނަމުން އައިސް އީތަންގެ ގައިގާ އޮޅުލައިގެންފިއެވެ. އީތަން ފެނުމުން ޝާޔާމެން ވެސް ޑިންގީއިން ފައިބައިފިއެވެ.

" މަށަށް ކިހިނެއްވީ.؟ "

ވެގެން އުޅޭ ގޮތެއް ނޭނގިފައި ހުރި އީތަންއަށް ސުވާލުކޮށްލެވުނީ މުރުޝިދާ ގައިގާ ހިފަހައްޓާލަމުންނެވެ.

"ޕޮލިހުން ކިޔައިފި ހިރިގާ މަތިން ކަނޑުއޮޅިއަށް ފުންމާލި ގޮތަށް އީތަން މައްޗަކަށް ނޭރިއޯ. ތިބެލާފަ ހަދައިދާނެ ކިތަންމެ ބޮޑު ދޮގެއްވެސް."

އީތަންއަށް ޖަވާބު ދިނީ ރުޅިއައިސްފައި ހުރި ހަސީނާއެވެ. ވެގެން އުޅޭގޮތް އެނގިގެން ދިއުމުން އީތަންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.

"މިރަށު ހުރިހާ ފިރިހެނުން އަލިކުރާނެ އެއްޗެހި ހިފައިގެން ހިނގައްޖެ ހިރިގާ ކައިރިއަށް. ހެޔޮވާނެތަ އެވަރުގެ ބޮޑެތި ދޮގު ހަދަން."

ހަސީނާއާއި ވިއްދައި އެތަނުގައި ހުރި އިތުރު އަންހެނަކު ވެސް ބުނެލިއެވެ.

"އެހެންނު ވާނީ މަށޭ ކިޔައިގެން ދައްކާނެ ވާހަކައެއް ނުފެނިފަ ތިބޭ ބައެކޭ އެއީ. ފަތަން ވެސް އެނގޭ މީހެއް ނޫން މަށަކީ. ދެން ހަމަހޭގަ ހުރެ މަ އެތަނަށް ފުންމާލާނެތަ.؟"

އެމީހުންނާއި އެއްބައިވެ އީތަން ވެސް ބުނެލައިފިއެވެ.

"ހަމަހޭގަ ހުންނަ މީހަކު ފުންމާލައިގެން އުޅޭ ވާހަކައެއް ނޫން އެމީހުން ދެއްކީ. އީތަން ބުނެބަލަ މިގަޑީގަ ފެންވަރައިގެން ތިއުޅެނީއޯ.؟"

ޝާޔާ އީތަންއަށް ދުލެއް ނުކުރިއެވެ.

"ދެން ތިބުނީ އެތަނަށް ފުންމާލާފަ ފީނާފަ މަ މިރަށަށް އެރީއޭތަ.؟ މަ އެތަނަށް ފުންމާލިނަމަ ބަބުޅި ޖަހާާފަ ދާނީ އަޑިއަށް. އަޅެ މަ ބަނދަރަށް ފުންމާލަންތަ."

މުރުޝިދާ ދުރުކޮށްލާފައި އީތަން ދިމާކުރީ ބަނދަރަށް ފުންމާލަށެވެ.

"ފުންމާލާނެ ކަމެއްނެތް. ވާވަރު ވެއްޖެ މިހާރު. ގެއަށް ހިނގާ."

އީތަން ފުންމާލުމުގެ ކުރިން މުރުޝިދާ އީތަން ހިފަހައްޓައިފިއެވެ.

"މަންމާ ދޫކޮށްލަބަލަ އޭނަ ފުންމާލަން. ލާމިއު މެންވެސް އެތިބަ ބުނަނީ މީނައޭ މިއަދު އެމީހުންނާއެކު އެރަށަށް ދިޔައީ."

"އާނ މަ ދިޔައީމޭ އެރަށަށް. އެކަމަކު ފުއްޓަރު ހިކިފަ އޮތީމަ އެއައި ގޮތަށް ފުއްޓަރުމަތިން މަ އައީ ރަށަށް. އެހެންވެ ފެންވަރައިގެން މިއުޅެނީ."

"ބޭބެއަށް ހީވަނީ ޕޮލިހުން އެއުޅޭނީ ރޫހާނީ އެއްޗެއް ފެނިގެން. މިސޮރު ކަނޑުއޮޅިއަށް ފުންމާލިނަމަ ނޭވާލަން މައްޗަށް ވެސް އަރާނެ ނޫންތަ."

އީތަންގެ ވާހަކަ ގަބޫލުކުރެވޭތީ އެތަނުގައި ހުރި މުސްކުޅި މީހަކު ބުނެލިއެވެ. އެންމެނަށް ވެސް ބުރަވެވުނީ އީތަންގެ ކޮޅަށެވެ. އެމީހުންގެ ވާހަކަ އަޑުއަހަން ނުހުރެ އީތަންގެ އަތުގައި ހިފައިގެން މުރުޝިދާ ހިނގައިގަތީ ގެއާ ދިމާއަށެވެ. ޝާޔާމެންވެސް ފަހަތުން ހިނގައިގެންފިއެވެ.

"މަށަށް ހަމަ ޔަގީން މީނަ މިހަދަނީ ދޮގުކަން. އެބުނީނު ފުއްޓަރުމަތިންނޭ ތިމެންނަ އައީ. މަންމަ ބުނެބަލަ ބޯހަރޭގެ ފުއްޓަރު މައްޗަށް މީނަ އެރިއްޖިއްޔާ ހިރިގާ ކައިރިއަށް ނުގޮސް މީނަ އަންނާނެތަ؟ ފެނުޕަރީއެކޭ ކިޔާފަވެސް އެތަނަށް ފުންމާލި މީހެއް މީ."

ޝާޔާގެ ވާހަކައިން އީތަން ޖަހާލީ ބޮޑު ހިނިގަނޑެވެ.

"އޭނައާއެކު ފީނާލަން ގޮއްސަ މިއައީ. މިހާރު އަދި ހާދަހާ ރީއްޗޭ އޭނަ. ހީވަނީ ހަމަ ހޫރު ޕަރީއެއްހެން. މަ ވަރަށް މޮޅުވާނެ ކުރަހަން މިހާރު. ދައްކާލަން އިނގޭ ކުރަހާލާފަ."

އީތަން ޝާޔާގެ ކަރުގައި އަތްއަޅުވައި ތަދުވާވަރަށް ފިއްތާލައިފިއެވެ. އީތަންގެ އަތް ފޮޅުވާލަމުން ޝާޔާ ބާރަށް ކުރިއަށް ހިނގައިގަތީ އީތަންއާ ދިމާއަށް އެއްްޗެހި ކިޔަމުންނެވެ. އީތަންގެ ސަކަ މިޒާޖު ފެނުމުން އޭރު ފާއިޒާއާއި އެތަނުގައި ތިބި ކުދިންތަށް ވެސް ދިޔައީ ހެމުންނެވެ.

"ދޮންބެ އަސްލަށް ދުނިންތަ ފެނުޕަރީއެއް."

ގެއަށް އައިސް ވަން ގޮތަށް ފާއިޒާގެ ދަރިފުޅު ލައިނީ އަހާލައިފިއެވެ.

"ދެކުނިންހޭ. އޭރު ދޮންބެ ވާނީ މިވަރު."

ސޯފާގައި އިށީނދެލަމުން ހަތް އަހަރުގެ ޒާން ގެނެސް އީތަން އުގަށް ލައިފިއެވެ. ކުދިވެރިންނަށް އީތަން އެވާހަކަ ކިޔައިދޭން ފެށުމުން ކޮޓަރިއަށް ވަންނަން ދިޔަ ޝާޔާ ދޮރުމަތީގައި ހުއްޓިއްޖެއެވެ. އީތަން ކުޑައިރު ފެނުޕަރީ ފެނުނު ވާހަކަ އީތަން ކިޔައި ދެމުން ދިޔައިރު ހުރިހާ ކުދިން ޝައުގުވެރިކަމާއެކު އެވާހަކަ އަޑުއަހަން ތިއްބެވެ. އެދުވަހު ކަންތަށް ވީގޮތް ފޮރުވުމެއްނެތި އީތަން ކިޔައި ދެމުން ދިޔައިރު މުރުޝިދާއަށް ހުރެވުނީ އީތަންގެ މޫނަށް ބަލަން ފެންކަޅިވެފައެވެ. މަސްތުވާތަކެތި ބޭނުން ނުކުރާނަމަ އެއީ މުރުޝިދާއަށް ލިބޭނެ ޖަވާހިރެއްފަދަ ދަރިއެކެވެ. ފާއިތުވެގެން މިދިޔަ ދެދުވަސް ތެރޭގައި އީތަން މުރުޝިދާދެކެ ވާ ލޯބި މުރުޝިދާއަށް އޮތީ ފެނިފައެވެ. ނަމަވެސް ހަގީގަތަކީ އެއީ މުުރުޝިދާއަށް ގެއްލިފައި ހުރި ދަރިއެކެވެ. މަސްތުވާތަކެއްޗާއެކު އެދަރިފުޅު ބަލައިގަތުމަކީ މުރުޝިދާއަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. މުރުޝިދާ ލޮލުން ކަރުނަ އައިތަން ފެނުމުން ހަސީނާ އޯގާތެރިކަމާއެކު ހިފަހައްޓާލީ މުރުޝިދާގެ ކޮނޑުގައެވެ.

ސަމާސައަކަށް ހަދާފައި ނަމަވެސް އީތަން ޕަރީގެ ވާހަކަ ކިޔައި ދެމުން ދިޔައީ ތެދަށެވެ. އީތަން ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް އެތަނުގައި ހުރި ބޮޑު މީހެއް އެވާހަކަ ގަބޫލު ނުކުރާނެކަން އީތަންއަށް އެނގެއެވެ.

"އެދުވަހުގެ ފަހުން މިއަދު ހިރިގާ ކައިރިއަށް ދިއުމުގެ ނަސީބު ދޮންބެއަށް މި ލިބުނީ. ދޮންބެ ދިޔައިރު އޭނަ ހުރީ ދޮންބެގެ އިންތިޒާރުގަ. ހާދަހާ ރީއްޗޭ އޭނަ. ހީވަނީ ފަތްމިންޏެއްހެން. އިސްތަށިގަނޑު ވެސް ދިގުކަމުން މިހާ ހިސާބަށް ދޭ. ދެލޯ ވެސް ހީވަނީ ވިދާ ބަބުޅާ ޖަވާހިރެއްހެން. ފިދުފަތްގަނޑު…."

"ދޮގު ހެދުމުގެ މުބާރާތެއް ބާއްވައިފިއްޔާ ދުނިޔޭގެ ރިކޯޑު ކަލޭ މުގުރާލާނެ."

އެއްޗެއް ނުބުނެ ޝާޔާއަށް ހިމޭނަކުން ނީނދެވުނެވެ. އީތަންގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. ފާއިޒާއާއި ހަސީނާއަށް ވެސް މިފަހަރު ހީނގަނެވިއްޖެއެވެ.

"ދޮގުތަ އެހަދަނީ.؟"

އެވާހަކަ ގަބޫލު ކޮށްލައިގެން އިން ޒާން މައުސޫމު ނަޒަރަކުން ބަލާލީ ޝާޔާގެ މޫނަށެވެ.

"އާނ ދޮގު އެހަދަނީ. ދަރިފުޅަކަށް ނޭނގޭތަ ފެނުޕަރީއަކީ އުޅޭ އެއްޗެއް ނޫންކަމެއް.؟

ފާއިޒާ އައިސް ހިފާލީ ޒާން ކޮލުގައެވެ.

"އެ ދޮގެއް. އުޅޭ އެއްޗެއް އެއީ. އޭނަ މަށަށް ދިން ސަންގެއް ވެސް އޮންނާނެ ކޮޓަރީގަ."

"އެއީ އުޅޭ އެއްޗެއް ވިއްޔާ އީތަންއަށް އެކަނިތަ އޭނަ ފެންނާނީ. ތިހާ މުޑުދާރުކޮށް އީތަން ހުއްޓާ ފެނުނީމަ ވެސް އޭނައަށް އީތަން ފާހަގަ ކުރަން އެނގިއްޖެ.؟"

ފާއިޒާ ސުވާލު ކޮށްލުމުން އީތަން އަތުން އޭނާގެ ތުނބުޅި ރީތިކުރަން ފަށައިފިއެވެ.

"މަ ހަޑިތަ.؟ ބަލަ މަ ދިޔައީ ކަނަމަދު ހިފައިގެނޭ. ދެން އޭނައަށް އެނގޭނެދޯ މަށަކީ ކާކުކަން."

"ތިހެންވިއްޔާ މިތާ ތިބޭނޭ ކަމެއް ނެތެއްނު. ތެދުވޭ އަވަހަށް ހިރިގާ ބިއްދޮށަށް ކަނަމަދު އުކަން ދާން. އޭރުން ލަހުފާ މެނަށް ވެސް ފެނުޕަރީ ފެންނާނެ."

ޝާޔާ ގޮސް އޭނާގެ ތިން ދަރިން އަތުހިފައި ނަގައިގެން ގެންގޮސް ކޮޓަރިއަށް ވެއްދިއިރު އެކުދިން ދިޔައީ ބާރަށް ހެމުންނެވެ.6

"ތި ބޯ އެއްޗެހިތަށް ބުއިން ހުއްޓާލަން އުޅޭ އެއްކޮށް ބުއްދި ފިލާ ނުދަނީސް. ސައްތާރުބެއަށް ވުރެން ވެސް ކަންތަށް ބޮޑު ތިވަނީ މިހާރު."

ހެމުން ފާއިޒާ ވެސް އޭނާގެ ދަރިން ގޮވައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. ހެވިފައި އިން އީތަން ބަލާލީ މުރުޝިދާގެ މޫނަށެވެ.

"ގަބޫލު ނުކުރާނެ ކިތަންމެ ބޮޑު ތެދެއް ހެދިއަސް. މަ ނަހަދަމޭ ދޮގެއް."

"ހެވިފަ ތި އިންނަ ގޮތުންވެސް އެނގޭ ތިހަދަނީ ކިހާ ބޮޑު ތެދެއްކަން. ސައްތާރުބޭ ވެސް އެ އުޅޭނީނު. މުސްކުޅިވެގެން ކަންކަން ހަނދާން ނެތިފަ ހުރިއިރު ވެސް ފެނުޕަރީ މަތިން ހަނދާނެއް ނުނެތޭ. މިހާރު ކިޔަނީ އެ ޕަރީއަށް ކިޔަނީ ސާރާ އެކޯ."

އީތަންއަށް ޖަވާބު ދިނީ ހަސީނާއެވެ. އީތަން ހިނިއައިސްފައި ބޯކަހާލައިފިއެވެ. ދެފަރާތަށް ބޯހޫރުވާލަމުން ހަސީނާ ވެސް ގެއަށް ދާން ނުކުމެއްޖެއެވެ. ހަސީނާ ދިއުމުން މުރުޝިދާ ވެސް ވަނީ ކޮޓަރިއަށެވެ. އީތަން ލޯ މަރާލީ ހަށިފުރާ ނޭވާއެއް ދޫކޮށްލަމުންނެވެ. ލޯމަރާލުމުން އީތަންގެ ލޮލުގެ ކުރިމަތިން ތަސްވީރު ވެގެން ދިޔައީ ޕަރީގެ ލޯބި ހިނިތުންވީ މޫނެވެ. ފެނުޕަރީއަކީ ހަގީގަތެއްކަން މީހުންނަށް ޔަގީން ކޮށްދެން އީތަން ކުރާނެ މަސައްކަތެއް ދެން ނޯންނާނެއެވެ.

ނުނިމޭ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު