އިސްރާއީލުގެ ވަގުތީ އަދި ރިޓަޔަރކޮށްފައިވާ ސިފައިންނާއި، ކުރީގެ އޮފިޝަލުން، އެކަޑަމިކުން، އަދި އެހެނިހެން ދާއިރާތަކުގެ 11،000 އަށްވުރެ ގިނަ ފަރާތްތަކުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، އިސްރާއީލުގެ އަސީރުން ދޫކޮށްލުމަށް ގޮވާލައި ޕެޓިޝަންތަކެއްގައި ސޮއިކޮށްފިއެވެ.
އިސްރާއީލީ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ސަތޭކަ އަށްވުރެ ގިނަ ސިފައިން ވަނީ އަސީރުން ދޫކޮށްލުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ދެ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. މީގެ ތެރޭގައި އޮފެންސިވް ސައިބަރ ޔުނިޓް، ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް އަދި ޔުނިޓް 8200 ގެ ސިފައިން ހިމެނެއެވެ.
އިސްރާއީލީ ނޭވީގެ 200 އަށްވުރެ ގިނަ ސިފައިންނާއި ކުރީގެ ސިފައިން ވަނީ ހަނގުރާމަ ހުއްޓާލަން ޖެހުނު ނަމަވެސް ބަންދީން ދޫކޮށްލުމަށް ގޮވާލައި އިތުރު ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ގޮލާނީ ބްރިގޭޑްގެ 150 ސިފައިން ވެސް ވަނީ މިފަދަ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.
ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި، އިސްރާއީލީ މުޖުތަމައުގެ އެކި ދާއިރާތަކުން މި އިހުތިޖާޖު ވަނީ ފުޅާވެފައެވެ. މީގެ ތެރޭގައި އާމަޑް ކޯޕްސްގެ 1،525 މެންބަރުންނާއި، ޕެރަޓްރޫޕާސް އަދި އިންފެންޓްރީ ބްރިގޭޑްގެ 1،600 އަށްވުރެ ގިނަ ކުރީގެ ސިފައިން، 150 ކުރީގެ ނޭވީ އޮފިސަރުން، 100 ރިޒާވް މިލިޓަރީ ޑޮކްޓަރުން އަދި އެހެނިހެން ޔުނިޓްތަކުގެ ހާހުން ގިނަ ރިޒާވް ސިފައިން ހިމެނެއެވެ.
މީގެ އިތުރުން 3،500 އިސްރާއީލީ އެކަޑަމިކުންނާއި، 3،000 އަށްވުރެ ގިނަ ތައުލީމީ ދާއިރާގެ ފަންނީ މާހިރުން، އަދި 1،000 އަށްވުރެ ގިނަ މައިންބަފައިން ވަނީ ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ދޫކޮށްލުމަށް ގޮވާލައި ޕެޓިޝަންތަކުގައި ސޮއިކޮށްފައެވެ.