މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައި ވަނިކޮށް، ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ޢާންމުންގެ ރައްކާތެރިކަމާމެދު އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އދގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޝަނަރުގެ އިދާރާގެ ތަރުޖަމާނު، ތަމީމު އަލް-ޚީތަން ވިދާޅުވެފައިވަނީ ޔަހޫދީންގެ އަސްކަރީ އޮޕަރޭޝަންތަކުގައި ޢާންމުން ޝަހީދުވަމުންދާ ކަމަށެވެ.
"ގިނަ ޢަދަދެއްގެ ޢާންމުންނަށް ޒަޚަމްވެ، އިމާރާތްތަކާއި ބިނާތަކަށް ގެއްލުން ލިބެމުންދާތީ ލުބުނާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން އިތުރުވެފައިވޭ،" އޭނާ ވިދާޅުވިއެވެ.
2024ވަނަ އަހަރުގެ ނޮވެމްބަރު 27 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމުކުރި ފަހުން 71 ލުބުނާނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ހައި ކޮމިޝަނަރުގެ އިދާރާއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި 14 އަންހެނުންނާއި ނުވަ ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން 92،000 އަށްވުރެ ގިނަ މީހުން އަދިވެސް ތިބީ ގެދޮރު ގެއްލިފައި ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އަލް-ޚީތަން ވިދާޅުވެފައިވަނީ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ޙަމަލާތައް ތަޙުޤީޤުކުރުމަށް ގޮވާލާފައިވާ ކަމަށެވެ. އޭޕްރިލް 3 ވަނަ ދުވަހު ނަކޫރާގައި އަލަށް ހުޅުވި ޞިއްޙީ މަރުކަޒަކަށް ދިން ވައިގެ ޙަމަލާއަކީ މިފަދަ ކަންބޮޑުވުން އުފެދިފައިވާ އެއް ޙަމަލާއެވެ.
ޙިޒްބުاللهގެ އިސް ބޭފުޅަކު އޭޕްރިލް 10 ވަނަ ދުވަހު ވިދާޅުވެފައިވަނީ އެ ޖަމާޢަތުން ގެންގުޅޭ ހަތިޔާރާ ގުޅޭގޮތުން ލުބުނާނުގެ ރައީސާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް މަޝްވަރާކުރުމުގެ ޝަރުތެއްގެ ގޮތުގައި ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފައިބައި ޙަމަލާދިނުން ހުއްޓާލަން ޖެހޭނެ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.



