ޣައްޒާގައި އިސްރާޢީލު ސިފައިން މަދުވުމާއެކު ނެތަނިޔާހޫގެ ހުވަފެންތައް ދޫކޮށްލުމަށް އިސްރާޢީލު ސިފައިންގެ އައު ވެރިޔާ ގޮވާލައިފިއެވެ
އިސްރާއީލުގެ ސިފައިންގެ އައު އެންމެ އިސްވެރިޔާ އެޔަލް ޒަމީރު ވަނީ ޣައްޒާގައި ސިފައިން މަދުވުމުގެ ސަބަބުން އިސްރާއީލުގެ ހަނގުރާމައިގެ އަމާޒުތައް ހާސިލުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ސަރުކާރަށް އިންޒާރު ދީފައެވެ. މިކަން ހާމަކޮށްފައިވަނީ އިސްރާއީލީ ނޫސް ވެބްސައިޓް ވައިނެޓްއިންނެވެ.
ޒަމީރު ވަނީ ބަންޔަމިން ނެތަނިޔާހޫ އަދި އޭނާގެ ކެބިނެޓަށް، ޑިޕްލޮމެޓިކް މަސައްކަތްތަކެއް ނެތި ހަމައެކަނި ސިފައިންގެ ބާރުން ޣައްޒާގައި ޤައުމީ އަމާޒުތައް ހާސިލެއް ނުކުރެވޭނެ ކަމަށް އަންގާފައެވެ. މިހާރު ކުރިއަށްދަނީ "މިނި އޮރަނިމް" ގެ ނަމުގައި ކުޑަ ސްކޭލެއްގައި ހިންގާ އޮޕަރޭޝަނެކެވެ. މީގެ ދަށުން ޣައްޒާ ބޯޑަރު ކައިރީގައި ބަފަރ ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.
ޑިފެންސްގެ އިސް އޮފިޝަލެއްގެ ހަވާލާދީ ވައިނެޓްއިން ބުނެފައިވަނީ "ޒަމީރު ވަނީ ހަޤީޤަތް އޮޅުވާނުލައި ސާފުކޮށް ބުނެދީފައި. އޭނާ ވަނީ ލީޑަރޝިޕްގެ ބައެއް ހުވަފެންތައް ދޫކޮށްލުމަށް އަންގާފައި" ކަމަށެވެ.
ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމަ 18 މަސްވެފައިވާއިރު، އިސްރާއީލީ އިންޓެލިޖެންސްގެ މަޢުލޫމާތުން ދައްކާގޮތުގައި ހަމާސްގެ ބާރު އަދިވެސް ޣައްޒާގެ ގިނަ ސަރަހައްދުތަކެއްގައި އެބަ އޮތެވެ. އަދި އަލުން ބިނާކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ގާތްގަނޑަކަށް 20،000 ހަނގުރާމަވެރިން އަދިވެސް ތިބިކަމަށް ލަފާކުރެވެއެވެ.
މިވަގުތު ރިޒާވިސްޓުންގެ ބައިވެރިވުން ހުރީ 60 އިން 70 ޕަސެންޓުގައި ކަމަށް އިސްރާއީލީ ސިފައިން ބުނެއެވެ. އަދި ފުޅާ ދާއިރާއެއްގައި ހަނގުރާމަ ކުރިއަށް ގެންދާނަމަ، މި އަދަދު އިތުރުވާނެ ކަމާމެދު ކަންބޮޑުވުން އޮތް ކަމަށް ޑިފެންސް އޮފިޝަލުން ފާހަގަކުރެއެވެ.