ސޫދާންގެ ހަނގުރާމަ 2 އަހަރަށް ދިގުދެމިގެންދާއިރު، އާރު.އެސް.އެފްއިން ވާދަވެރި ސަރުކާރެއް އިއުލާންކޮށްފި

ދެ އަހަރު ދުވަހަށް ދިގު ދެމިގެންދާ ހަނގުރާމައިގައި ދިހަ ހާހުން މީހުން މަރުވެފައިވާ ސޫދާންގައި، ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޕެރަމިލިޓަރީ ބާރު، ރެޕިޑް ސަޕޯޓް ފޯސް (އާރު.އެސް.އެފް) އިން އެމީހުންގެ އަމިއްލަ ސަރުކާރެއް އިއުލާންކޮށްފިއެވެ.

2023 ވަނަ އަހަރުގެ އޭޕްރިލް 15 ގައި ފެށުނު މި ހަނގުރާމައަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ ކަމަށް އދ. އިން ބުނެފައިވެއެވެ. މި ހަނގުރާމައިގެ ސަބަބުން 13 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، އޭގެ ތެރެއިން 3.5 މިލިއަން މީހުން އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވެއެވެ.

"މި ފާހަގަކުރުމުގައި، އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ސުލްހައާއި އެއްބައިވަންތަކަމުގެ ސަރުކާރު އުފެއްދުން އިއުލާންކުރަން. މިއީ ސޫދާންގެ ހަގީގީ މޫނުމަތި ދައްކުވައިދޭ ފުޅާ އިއްތިހާދެއް" އާރު.އެސް.އެފްގެ އިސްވެރިޔާ މުހައްމަދު ހަމްދާން ދަގަލޯ އިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އާރު.އެސް.އެފް އާއި އެ ފަރާތުގެ އިއްތިހާދުތަކުން ފެބްރުއަރީ މަހު ކެންޔާގައި އެއްބަސްވުމެއްގައި ސޮއިކޮށް، އެމީހުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި "ސުލްހައާއި އެއްބައިވަންތަކަމުގެ ސަރުކާރެއް" އުފައްދާނެކަން އިއުލާންކޮށްފައިވެއެވެ. އަދި އެމީހުން ވަނީ އައު ސޫދާނަކަށް މަގުދައްކައިދޭނެ ވަގުތީ ގާނޫނު އަސާސީއެއްގައިވެސް ސޮއިކޮށްފައެވެ.

ކޭމްބްރިޖް ޔުނިވަރސިޓީގެ ސޫޑާން ދިރާސާކުރާ ޕްރޮފެސަރ ޝަރަތު ސްރީނިވާސަން ވިދާޅުވެފައިވަނީ، އެފްރިކާގެ ތިންވަނައަށް އެންމެ ބޮޑު ގައުމު ދާއިމީކޮށް ބައިބައިވެގެން ހިނގައިދާނެކަމުގެ ބިރު އޮތް ކަމަށެވެ. އަދި ދާފޫރުގައި އާރު.އެސް.އެފްގެ ބާރު ވަރުގަދަވަމުން އަންނައިރު، "މިހާރު ހިނގަމުންދާ ސަރަހައްދީ ބައިބައިވުމުގެ ސަބަބުން ޢަމަލީގޮތުން ވަކިވުމަކަށް މަގުފަހިވެދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު