އެމެރިކާ އާއި ޗައިނާގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަކަތައިގެ ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާކެޓްތަކަށް ބޮޑެތި ލޮޅުންތަކެއް އަރައި، 2021 ގެ ފެބްރުއަރީ މަހުން ފަހުގެ އަގުތަކަށް ބަލާއިރު، ތެލުގެ އަގު އެންމެ ދަށް އަގަށް މިހާރު ވަނީ ވެއްޓިފައެވެ.
އެމެރިކާއިން ވަނީ ޗައިނާގެ މުދަލަށް 104 ޕަސެންޓްގެ ޓެރިފް ތައާރަފުކޮށްފައެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ވަނީ އެމެރިކާގެ އިމްޕޯޓްތަކަށް 84 ޕަސެންޓްގެ ޑިއުޓީ ނަގަން ފަށާފައެވެ. މާކެޓްތަކުގައި ފެތުރުނު ބިރުވެރިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރިހާ ގައުމުތަކަށް ވެސް 90 ދުވަހުގެ މުއްދަތަށް 10 ޕަސެންޓަށް ޓެރިފް ދަށްކޮށް، ޗައިނާއަށް އެކަނި 145 ޕަސެންޓަށް މަތިކޮށްފައެވެ.
މި ވަގުތު ތެޔޮ ފީފާއެއްގެ އަގު ހުރީ 64.65 ޑޮލަރުގައެވެ. މިއީ ތެޔޮ އުފައްދާ ގައުމުތަކުގެ ބްރޭކް-އީވަން އަގަށްވުރެ ވެސް ދަށް އަގެކެވެ. މިއާއެކު، ދުބާއީ ފައިނޭންޝަލް މާކެޓް ވަނީ 5 ޕަސެންޓް ދަށަށް ގޮސް، އަބޫދާބީ ސެކިއުރިޓީޒް އެކްސްޗޭންޖް 4 ޕަސެންޓް އަދި ސައޫދީ އަރަބިއާގެ ތަދާވުލް ސްޓޮކް އެކްސްޗޭންޖް 6 ޕަސެންޓަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
ގޯލްޑްމަން ސެކްސްގެ އިކޮނޮމިސްޓަކު ބުނާގޮތުން، ތެލުގެ އަގު ވެއްޓުމުގެ ސަބަބުން ސައޫދީ އަރަބިއާގެ ބަޖެޓް ޑެފިސިޓް މި އަހަރު 67 ބިލިއަން ޑޮލަރަށް އަރާފާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ސަބަބުން އެ ގައުމުން ޖެހޭނީ ބޮޑެތި މަޝްރޫއުތައް ހުއްޓާލައި، ބައިނަލްއަގުވާމީ ބޮންޑް މާކެޓުން ދަރަނި ނަގާށެވެ.
ވޮޝިންގްޓަން ޑީސީގެ ފިންރާގެ އެނަލިސްޓް ޒީޝާން ޝާހް ވިދާޅުވި ގޮތުގައި، ޖީސީސީ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރުކުރާނީ ސައޫދީ އަރަބިއާއަށެވެ. އެއީ ގަތަރުގެ މައިގަނޑު މުއްސަނދިކަން ބިނާވެފައިވަނީ ގުދުރަތީ ގޭހުގެ މައްޗަށް ކަމަށްވެފައި، ޔޫއޭއީން ވިޔަފާރި އާއި ފަތުރުވެރިކަމުގެ ޒަރީއާއިން އިގްތިސާދު ތަފާތު ދާއިރާތަކަށް ބައިކުރުމަށް މަސައްކަތްކޮށްފައިވާތީއެވެ.