އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެ އެކަން ރަސްމީކޮށް ޢާންމުކޮށްފިއެވެ.
އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤްކުރައްވާފައެވެ. އެހިނދުން ފެށިގެން ރާއްޖެއަށް އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް އެތެރެނުވެވޭނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. މި އެޑްވައިޒަރީގައިވާގޮތުން 2025ވަނަ އަހަރުގެ އެޕްރީލްމަހުގެ 15ވަނަ ދުވަހުން ފެށިގެން އިސްރަޢީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެއްވެސް މީހަކު އައުމަކީ މަނާކަމެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
Travel Advisory: Entry into Maldives Prohibited on Israeli Passports.
Read more: https://t.co/axLnVZbfhw pic.twitter.com/wPucd7qwPg
— Maldives Immigration (@ImmigrationMV) April 15, 2025
އިސްރާއިލު ޕާސްޕޯޓު މަނާކުރުމަށް ރާއްޖެއިން ނިންމި ނިންމުމާއިގުޅިގެން ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ ރާއްޖެއަށް ހުއްޓިފައެވެ. މީގެތެރޭގައި އަލްޖަޒީރާ، ރަޝިޔާގެ އާރުޓީ ނިޢުސްއާއި އަދި އެހެނިހެން ބޮޑެތި މީޑިއާތައް ހިމެނެއެވެ.
އިސްރާޢީލުގެ ޕާސްޕޯޓް މަނާކުރުމާ ގުޅިގެން ބޭރުގެ މީޑިއާތައް ހިމެނޭހެން ގިނަ ފަރާތްތަކުން މިހާރު ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ނިންމި ނިންމުން ފާހަގަކޮށް، ރައީސުލްޖުމްހުރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރާއި ދިވެހި ރައްޔިތުންނަށް ތައުރީފްގެ މެސެޖުތަކާއި ޝުއޫރުތައް ފޮނުވަމުންނެވެ.
އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ފައުޖުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާއެކުކަން ހާމަކުރައްވައި ދަނީ އަޑުއުފުއްލަވަމުންނެވެ.