އިސްރާއީލް ޕާސްޕޯޓު ހިފެހެއްޓުމަށް ސަރުކާރުން ނިންމި ނިންމުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ނިންމި ފަޚުރުވެރި ނިންމުމެއްކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ، މި ނިންމުން ނިންމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތަކަށް ރިއާޔަތްކުރައްވާފައި ކަމަށެވެ. އަދި މުސްލިމް ޤައުމެއްގެ ހައިސިއްޔަތުން، ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީންގެ ފަރާތުން ލިބެމުންދާ އަނިޔާއާ މެދު ދިވެހި ރައްޔިތުންގެ މަޤާމު ހާމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، "އަޅުގަނޑުމެން މިއީ 100 އިންސައްތަ މުސްލިމް ޤައުމެއް. އެންމެ ކުޑަކޮށް ލޮޅުން އަރާގޮތަށް ފަލަސްޠީނު ރައްޔިތުންނާއެކު އަޅުގަނޑުމެން ތިބިކަން ދުނިޔެއަށް މި ސާބިތުކޮށްދިނީ" ކަމަށެވެ.
އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދެވުނީ އެންމެ އިސްކަމެއް ދެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށް މެންބަރު އިސްމާޢީލް ފާހަގަކުރެއްވިއެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުން ހާމަވަނީ، އިސްލާމްދީނާއި ރައްޔިތުންގެ ހައްޤުގައި ނިންމަންޖެހޭ ކޮންމެ ނިންމުމެއްވެސް ސަރުކާރުން ނިންމަވާނެކަން ކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަން ޤާނޫނަށް ގެނެވުނު މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، މިހާރު ވަނީ ޤާނޫނު ތަންފީޒުވާން ފަށާފައެވެ. އަދި މި ކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޓްރެވެލް އެޑްވައިޒަރީއެއްގެ ގޮތުގައި އާންމުކޮށް އިޢުލާންކޮށްފައެވެ.