ބަންގްލަދޭޝްގެ ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު އާންމުންނަށް އެންގުމަކާ ނުލައި ޕާސްޕޯޓުން އުނިކޮށްފައިވާ "އިސްރާއީލް ފިޔަވައި" މި ޢިބާރާތް އަލުން ލުމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ނިންމައިފިއެވެ.
2021 ވަނަ އަހަރާ ހަމައަށް ބަންގްލަދޭޝްގެ ޕާސްޕޯޓުގައި "މި ޕާސްޕޯޓު އިސްރާއީލް ފިޔަވައި ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ބޭނުންކުރެވޭނެ" މި ޢިބާރާތް ހިމެނިފައިވެއެވެ. ނަމަވެސް އައު ޕާސްޕޯޓު ތަޢާރަފުކުރުމާއެކު މި ޢިބާރާތް އުނިކުރެވުނެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ މިއީ "ބައިނަލްއަޤްވާމީ މިންގަނޑުތައް" ދެމެހެއްޓުމަށް ކުރި ކަމެއް ކަމަށެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓުގެ ޕާސްޕޯޓު ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ނޫރުއްސަލާމް އަރަބް ނިއުސް އަށް ވިދާޅުވި ގޮތުގައި މި ޢިބާރާތް އަލުން ލުމަށް ސަރުކާރުން އަންގާފައިވާ ކަމަށާއި، މިހާރު އެކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކާ ގުޅިގެން ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ގިނަ އިހުތިޖާޖުތަކެއް ބޭއްވިފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އިހުތިޖާޖު ބޭއްވުނީ ހޮނިހިރު ދުވަހުއެވެ. މި އިހުތިޖާޖުގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން ބައިވެރިވެފައިވެއެވެ.
ޕާސްޕޯޓު ޑިރެކްޓަރު ވިދާޅުވި ގޮތުގައި މި ނިންމުމަކީ ރައްޔިތުން މަރުހަބާ ކިޔާނެ ނިންމުމެކެވެ. އަދި މިއީ ޤައުމުގެ ރައްޔިތުންގެ އިހުސާސްތައް ދައްކުވައިދޭ ކަމެކެވެ. ނަމަވެސް އައު ޕާސްޕޯޓުތައް ލިބެން ފަށާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.