ހުޅުމާލެ ފޭސް 2 ގައި އާ މިސްކިތެއް އިމާރާތްކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން އެޗްޑީސީއާއެކު ސޮއިކޮށްފިއެވެ. މިސްކިތް އިމާރާތްކުރާނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެންނެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި، މި މިސްކިތް އިމާރާތްކުރެވޭނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައެވެ. މިސްކިތް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑުމިނަކީ 18,720.79 އަކަފޫޓެވެ. އަދި މިސްކިތުގައި އެއްފަހަރާ 2500 އިން 3000 މީހުންނަށް އަޅުކަން ކުރެވޭނެ ޖާގަ ހުންނާނެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ޚަރަދުކުރާ ފަރާތުންނެވެ. އަދި ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަން ވާނެއެވެ.
މި މިސްކިތް ފަރުމާކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. މީގެ ތެރޭގައި ސޯލާ ހަކަތައިގެ ނިޒާމާއި، އެއަރކޮންޑިޝަނިންގ ނިޒާމު ހިމެނެއެވެ. އަދި ޤުރުއާން ކިޔަވައިދިނުމަށް ޚާއްސަ ކްލާސްރޫމަކާއި ލައިބްރަރީއެއްވެސް މިސްކިތުގައި ހިމެނޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް މި އަހަރުގެ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރެވެއެވެ.