ތުރުކީވިލާތުގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިވެ، އަމިއްލަ އުފެއްދުންތައް ވިއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތުރުކީގައި ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ވިޔަފާރިވެރިންނާއި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. މި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުންތަކުގައި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ދާއިރާއިން އައު ގުޅުންތައް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ބައްދަލުވުންތައް ބޭއްވިގެންދާނެކަމުގެ އުންމީދު ވަޒީރު ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ތުރުކީވިލާތަކީ އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޤައުމުކަމާއި، ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކުރުމަށް ތުރުކީވިލާތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.