އެކުވެރި ދައުލަތްތައް (އދ)ގެ ސުލްޙަ ބަލަހައްޓާ ފައުޖަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަން ހާމަވެއްޖެއެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ބަޖެޓު އޮފީހުން ލީކުވި ލިޔެކިޔުންތަކުން ހާމަވި ގޮތުގައި، އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖަށް އެމެރިކާއިން ދެމުން އަންނަ މާލީ އެހީތެރިކަން އޮކްޓޯބަރު 1 އިން ފެށިގެން ހުއްޓާލަން ނިންމާފައިވެއެވެ. މިއީ މާލީ، ލުބްނާން އަދި ކޮންގޯގައި ހިންގަމުންދާ އޮޕަރޭޝަންތައް ނާކާމިޔާބުވެފައިވާ ކަމަށް ބުނެ ނިންމާފައިވާ ނިންމުމެކެވެ.
އދ.ގެ ޢާންމު ބަޖެޓުގެ 22 އިންސައްތަ އަދި ސުލްޙަ ބަލަހައްޓާ ފައުޖުގެ ބަޖެޓުގެ 27 އިންސައްތަ ފޯރުކޮށްދެނީ އެމެރިކާއިންނެވެ. މި ނިންމުމަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ ކަމަށާއި، ކޮންގްރެސްއިން މި ނިންމުން ބާޠިލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.
އެމެރިކާއިން މިހާރު ވަނީ އދ.ގެ ޢާންމު ބަޖެޓަށް ދައްކަންޖެހޭ 1.5 ބިލިއަން ޑޮލަރާއި، ސުލްޙަ ބަލަހައްޓާ ފައުޖަށް ދައްކަންޖެހޭ 1.2 ބިލިއަން ޑޮލަރު ހިފަހައްޓާފައެވެ. މި ފައިސާ ނުދައްކާތާ ދެ އަހަރުވެއްޖެނަމަ، އދ.ގެ ޢާންމު މަޖިލީހުގެ ވޯޓުތަކުގައި ބައިވެރިވުމުގެ ޙައްޤު އެމެރިކާއަށް ގެއްލޭނެއެވެ.
އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ ބަދަލުގައި، އެމެރިކާގެ މަސްލަޙަތު ކުރިއެރުވުމަށް 2.1 ބިލިއަން ޑޮލަރުގެ އައު ފަންޑެއް (އެމެރިކާ ފަސްޓް އޮޕޮޗިޔުނިޓީސް ފަންޑް) އުފެއްދުމަށް ވައިޓް ހައުސްގެ ބަޖެޓު އޮފީހުން ވަނީ ހުށަހަޅާފައެވެ.