ކ. މާފުށީގައި ފިރިހެނަކަށް ވަގެއް ކަމަށް ތުހުމަތުކޮށް، އޭނާ ހިފަހައްޓައި ބޭންދުމަށް ފަހު، ހުދު ކުލަ ފާޓާއެއް އޮއްސާލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައާ ގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ފެތުރިފައެވެ. މި ވީޑިއޯތަކުގައި ފެންނަނީ ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ކުލަ ފާޓާއެއް ކައިރީގައި އިށީނދެ އިންނަ ތަނާއި، އެތަނުގައި ތިބި ބައެއް މީހުން އޭނާގެ ގަޔަށް ހުދުކުލައިގެ ފާޓާއެއް އޭނާގެ ބޮލަށް އޮއްސާލާ މަންޒަރެވެ.
އިތުރު ވީޑިއޯ ފުޓޭޖްތަކުގައި ފެންނަނީ އެ ފަރާތް ފުލުހުންގެ ޖީޕަކަށް އަރުވައި، ޕޮލިސް ސްޓޭޝަނަށް ގެންދާ މަންޒަރެވެ.
މި މައްސަލައާ ގުޅޭގޮތުން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، މި މައްސަލަ ވަނީ މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު، މިފަދަ ޢަމަލުތަކަކީ ގާނޫނީ ގޮތުން ކުށެއްކަމާއި، އަމިއްލައަށް ގާނޫނު ތަންފީޒުކުރުމަކީ މަނާކަމެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ހާދަ ލަހޭ، ކިތައް ފަރާތުގެ ހުއްދަ ނަގަން ޖެހުނީތޯ؟ ނޫނީ ރައްޔިތުންގެ ވިންދަށް ބަލާތީތޯ؟