މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
އެމްޓީސީސީން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް އެދި 2024 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ސިޓީ ފޮނުވުމާ ގުޅިގެން، ހައިކޯޓުން ވަނީ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައެވެ.
މި މައްސަލައަކީ ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަންޏަށް މައުމޫން ޒިންމާކުރުވުމަށް ހުށަހެޅި މައްސަލައެކެވެ. 2023 ވަނަ އަހަރުގެ ޖޫން މަހު ސިވިލް ކޯޓުން ނިންމީ މައުމޫނު އެ ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށެވެ. މި ނިންމުން އިސްތިއުނާފު ކުރުމަށް އެމްޓީސީސީން ހައިކޯޓަށް ހުށަހެޅިއެވެ.
މައްސަލައިގެ ފަހަތުގައިވާ ތާރީޚަށް ބަލާއިރު، 2020 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ޑީއާރުޕީގެ އޭރުގެ ކައުންސިލުން ވަނީ، ޕާޓީގެ ކުރީގެ ލީޑަޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި މެންބަރުންގެ ބޮލުގައި އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް، މައުމޫނަށް ދައުވާކުރަން ނިންމާފައެވެ.