މުއްދަތު ހަމަވިއިރު 4000 ފްލެޓްގެ ލިސްޓަށް 8000 އަށްވުރެ ގިނަ ޝަކުވާ

4000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 8602 ޝަކުވާ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް 5236 ޝަކުވާ، އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހިމެނެއެވެ.

ޝަކުވާ ހުށައެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލީ މާރިޗު 1 އިން އެމަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން މި މުއްދަތު އޭޕްރިލް 15 ގެ ނިޔަލަށް އިތުރުކުރެވުނެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި އެންމެ ގިނަ ޝަކުވާތައް ހުށަހަޅާފައިވަނީ މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުކުރުމާ ގުޅޭގޮތުންނެވެ.

ލިސްޓްގެ މައްސަލަ ބެލުމުގައި ވުޒާރާއިން ބަލާފައިވަނީ 4000 ފްލެޓް ލިބޭނެކަމަށް ކުރީގެ ސަރުކާރުން 15 ނޮވެމްބަރު 2023 ގައި ގެޒެޓުކުރި ލިސްޓަށެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، ޝަކުވާތައް ލިބެމުންދިޔަވަރަކުން ރިވިއުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވެފައިވަނީ ވީހާވެސް އަވަހަކަށް ފައިނަލް ލިސްޓެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. މި ސްކީމްގެ އުސޫލުގައިވާ ގޮތުން، 15 އޮކްޓޯބަރު 2007 އިން 15 އޮކްޓޯބަރު 2022 އަށް މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދޭންޖެހޭނެއެވެ. ނަމަވެސް ޚާއްސަ ޙާލަތެއްގައި 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް އެކަން ބަލައިގަންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު