ދިގު ވާހަކަ: ބިންދާލި ރާޅުން ހިތް – އެޕިސޯޑް 6

ދަންޖެހިފައި އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ހާނިމްއެވެ. މަސްތުވާތަކެތީގެ ވަބައިގައިޖެހި ހާނިމް އެނުބައިކަންމަތީގައި މިދުނިޔެއަށް އަބަދުގެ އަބަދަށް އަލްވަދާއުކިޔާ ވަކިވެދިޔައީއެވެ. ފާފައިން ފޯވެފައިވާހާލު ދުނިޔެއެއިން ވަކިވެއެދިޔައީ ރާމިޔާގެ މުޅިދިރިއުޅުން ސުންނާފަތިކޮށްލާފައެވެ. ސަހަރޯއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

އިޝާހިތެއްގެ ތެރޭގައި މުޅި ގެ ވަށައި މީހުން އެއްވެއްޖެއެވެ. ވެގެންއުޅޭގޮތެއް ބަލަން  މުޅި ރަށު އެންމެން ކަހަލަ ގޮތަކަށް އެ ސަރަހައްދަށް ޖަމާވަމުންދިޔައެވެ. ރާމިޔާގެ ކޮޓަރިއަށް ރަށު ރައްޔިތުންކަހަލަ ގޮތަކަށް ވަދެ ހާނިމް ދަންޖެހިފައިހުރި ވާގަނޑު ކަނޑާލައި ހާނިމްގެ ފުރާނަނެތް މަސްގަނޑު ތިރިކުރިއެވެ. އެހުރިހާ ކަމެއް ވެދިޔައިރު ރާމިޔާ ކޮޓަރިތެރެއަށް ވެއްޓި މޫނުމަތީގައި އަތްއަޅައިގެންއިނީ ލިބުނު ސިހުމުން އަރައިނުގަނެވިފައެވެ. ހާނިމް ދަންޖެހިފައިހުރި މަންޒަރު ފެނުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ރާމިޔާއަށް ނަފްސާނީގޮތުންވެސް ކުރަންފަށައިފިއެވެ. އަދިވެސް ލޮލުކުރިމަތިން އެމަންޒަރުން ފެންނަމުންދިޔަފަދައެވެ. ރާމިޔާއަކީ ކުރިންވެސް ނަފްސާނީބަލީގެ ޝިކާރައަކަށްވެ އެކަމުގައި އެތަކެއް ވޭންތަކެއް ތަހައްމަލުކުރަމުން ގެންދާ ޒުވާނެކެވެ. އޭނާގެ ރިހޭ ފައި މައްޗަށް ފޮއެއް ވެއްޓުނު ފަދައެވެ.

އެޙަބަރު ލިބުމާއެކު ހަސްފަތާލުގައި ތިބި ޒުހުރާއާއި ފާތުމަވެސް ދުވެގަޑަގަޑައަޅާފައި އައިސް އެގެއަށް ހާޒިރުވިއެވެ. ރަށު ރައްޔިތުންހެން ފަސީހުގެ ފޯނަށް ގުޅަންފެށުމާއެކު ފަސީހުވެސް ފުންމައިގެން ތެދުވީ ދެލޯބޮޑުވެގެންނެވެ. ދުނިޔެ ޤިޔާމަތްވާން އުޅެނީ ބާވައެވެ ފަސީހު ހިތަށްއެރިއެވެ. އެކަކަށްފަހު އަނެކަކު ފަސީހުގެ ފޯނަށް ގުޅަމުން އެގެންދަނީ ކީއްވެގެންބާއޭ ފަސީހު ހިތަށްއެރިއެވެ. އެނގޭހާވެސްކަމަކީ ކޮންމެވެސް ވަރުގަދަ ކަމެއް ލައިގަނެގެން އުޅޭކަމެވެ. އެހެންނޫނީ ފުރަމެންދަމު އެހާގިނަ މީހުން އެއްފަހަރާ ފަސީހުގެ ފޯނަށް ނުގުޅާނެކަން އޭނައަށް އެނގެއެވެ. ފޯނަށް ސޭވްކޮށްފައި ނުވެސް ނެތް ނަންބަރުތަކުންވެސް ފަސީހުގެ ފޯނަށް ހުއްޓުމެއްނެތި ގުޅަމުންދިޔުމުން އެ އުޅެނީ އަމަށަކު ކަމަކާ ލައިގަނެގެން ނޫންކަން ފަސީހުއަށް ވަރަށް ރަނގަޅަށް ވިސްނުނެވެ. ފަސީހުއަށް ބޭއިހްތިޔާރުގައި ފޯނު ނެގުނީ އެ ސަބަބައްޓަކައެވެ. ވެގެން އުޅޭ ގޮތެއް ބަލަން އެދި އޭނާގެ ހިތް ބަންބަންލާފައި ތެޅެން ފެށުމާއެކު ފަސީހު ބަލާކަށްނުހުރެ ފޯނު ނަގާ ސުޕީކަރަށް ލިއެވެ.

"ބޮޑު ދުއްޕާނަކަށް ވެއްޖެއެންނު… މިއޮތް ފުރަމެންދަމު ހުއްޓާނުލާ މަށަށް ތިޔަގުޅަނީ ކޮންފަދަ ކަމަކާ ލައިގަނެގެންތަ…. ސުނާމީއެއް އެރީތަ ބިންހެލުމެއް އައީތަ ތަނަކު ރޯވީތަ ގެއެއް ބިމާހަމަވީތަ އޮޑިއެއް ބަންޑުންޖެހީތަ މީހަކު ކަރުބުރިކޮށްލީތަ ނޫނީ ކަލޭ ދުނިޔޭން މޮޔަވީތަ… އަޖައިބެންނު… ހަމަޖެހިގެން ނިދާލެވެންނެތޭ…" ފަސީހު ހުރީ އޭނާގެ ނިދި ޙަރާބުވުމުން އެކަމާ ރުޅިއައިސް ރަތްވެފައެވެ. ވާނީވެސް އެހެންތާއެވެ. އެފަކީރުވެސް މިދުވަސްކޮޅު ވިސްނާ ވިސްނާ އެހުންނަނީ ދުނިޔެއިން މޮޔަވާވަރު ވެފައެވެ. ހެދޭ ނުހެދޭ އެއްޗެއްވެސް ނޭގޭވަރުވެފައެވެ. ދެބަންދިހާރުވެފައެވެ. ބޯވެސް ބީތާވެފައެވެ. ނުވާކަގޮތެއް ނެތެވެ. މިއޮތީވާ ދުނިޔެއެއްތާއެވެ.

"އޭ ބުރޯ. ކަލޭ މަގޭ ކުރިމަތީގަ ހުރިނަމަ އަނގަމައްޗަށް މާއަރުވާލީމުސް… އެއްވެސް މީހަކު ސަބަބެއްނެތި މިދަންވަރަކު ނުގުޅާނެ… ތަންކޮޅެއް އަންޑަސްޓޭންޑިން މީހަކަށް ވެވޭތޯ މަސައްކަތްކޮށްބަލަ… އަހަރެން ބުރޯއަށް މިގުޅީ ނުގުޅާ ނުވެގެން… މިރަށުގަ ހިނގައިގެން މިއުޅޭ ކަންތައްގަނޑު ކަލެއަށްވުރެ ބޮޑަށް އެނގެންޖެހޭ މީހަކު ނުހުންނާނެ… ކަލޭ ބަފާ މިހާރުވެސް އޮތީ ހޮސްޕިޓަލުގަ.. ހާޓްއެޓޭކެއް ޖެހިގެން…. ދެން އޮތީ ކަލޭ ޅިޔަނުގެ ވާހަކަ…. ކަލޭ ޅިޔަނުވެސް ދަންޖެހިފަ ހުއްޓަ ދެންމެ ފެނިއްޖެ…. ކަލޭ މިރަށުގައި މިވަގުތު ހުރުން ވަރަށް މުހިންމު… އެންމެ އަވަހަށް ފުރާ ލޯންޗަކުން ބުރޯ ރަށަށް އާދޭ…" ފޯނުން ވާހަކަދެއްކި މީހާގެ ވާހަކަތައް އަޑުއަހަންހުރި ފަސީހަށް ފުރަތަމަ ޤަބޫލުކުރެވުނީ އެމީހަކު ސަމާސާކުރަނީކަމަށެވެ. އައިރުޅިން ފަސީހުގެ މުށްވެސްވަނީ ކަވާލެވިފައެވެ.

"ކިހާބޮޑު ދުއްޕާނެއްދެން… މީދެން ކޮންފަދަ ގަޑިއެއް ތިޔަކަހަލަ އެއްޗެހި ކިޔައިގެން ސަމާސާކުރަން…. މަށަކަށް މާ މަޖަލެއްނޫނޭ… އަމިއްލައަށް މަޖާވެގެން ނޫޅެބަލަ…ކަލެއަށް އެބަ އެނގޭތަ ކަލެއަށް ތިޔަ ކިޔޭ އެއްޗެއް… ތިޔަކަހަލަ އެއްޗެހި ކިޔައިގެން ސަމާސާކުރަން ކަލޭ ލަދެއްނުގަނޭތަ…" ފަސީހު އޭނާގެ ރުޅި ކޮންޓްރޯލްކުރެވޭތޯ މަސައްކަތްކުރަމުންދިޔައެވެ.

"ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ…. އަހަރެން މިހަދަނީ ދޮގެއްނޫން… އަހަރެން ދައްކާ ވާހަކަ ބުރޯއަށް ގަބޫލުނުކުރެވެންޏާ ބުރޯ އާއިލާ މީހަކަށް ގުޅާފަ ޔަޤީންކޮށްބަލަ…"

ފަސީހު އޭނާގެ ވާހަކަތައް ގަބޫލުނުކުރުމުން އެމީހާ ރުޅިއައިސް ފޯނު ކަނޑާލިއެވެ. އެމީހާ ދެއްކި ވާހަކަތައް ފަސީހު ކަންފަތަށް އަދިވެސް އިވިއިވި ހުރިހެން އޭނައަށް އިހުސާސްކުރެވުނެވެ. ރަނގަޅަށް އެވާހަކަތަކާމެދު ވިސްނާލުމުން ފަސީހު ބޭގަރާރުވިއެވެ. ހާސްވާންފެށިއެވެ. ދެއަތްތިލަ ތުރުތުރުއަޅަންފެށިއެވެ. ފަސީހު އެވާހަކަތަކުގެ ދޮގުތެދު ޔަޤީންކުރަން ބޭނުންވީލެއް ބޮޑުކަމުން ޤަފޫރުގެ ފޯނަށް ގުޅިއެވެ. އެހެނަސް ޤަފޫރު އެފޯނަށް ޖަވާބުދޭނީ ފަހެ ކިހިނަކުންހެއްޔެވެ. ޤަފޫރުއޮތީ އައިސީޔޫގައި އެނދުމަތިކޮށްފައެވެ. އަދިވެސް އޭނާ ހެއެއްނާރައެވެ. ފަސީހު ދެން ގުޅީ ޒުހުރާގެ ނަންބަރަށެވެ. ނަމަވެސް ޒުހުރާގެ ނަންބަރުންވެސް ފޯނެއް ނުނެގިއެވެ. ފޯނު ނަގާނީވެސް ކިހިނެއްހެއްޔެވެ. ޒުހުރާވެސް އެއުޅެނީ އެއް ކަންތައްގަނޑަށްފަހު އަނެއްކަންތައް ލައިގަނެގެންނެވެ. ކަމަކު މައްޗަށް ކަމެއް ލައިގަނެގެންނެވެ.

ފަސީހު ފަތިހު އެންމެ އަވަހަށް ފުރި ލޯންޗުން ރަށަށްއައިސް ގޭދޮށަށް ދިޔައިރު ކަށުކަމާކެމީގެ ހުރިހާކަމެއް ނިންމުމަށްފަހު ފާތުމައާއި ޒުހުރާއާއި ރާމިޔާއައިސް ގެއަށް ވަންނަނީއެވެ. ރާމިޔާގެ މޫނުމަތިހުރީ މިލާމޯޅިވެފައެވެ. ޒުހުރާ ހާނިމްދެކެ ރުޅިއަޔަސް އޭނާގެ ނިމުން އެފަދަ ހިތިގޮތަކަށް ދާކަށް ދުވަހަކުވެސް ނޭދެއެވެ. ޒުހުރާ ހާނިމްގެ ފަރާތުން ކުރިހާވެސް އުންމީދަކީ އޭނާ އުޅެމުންއައި ނުބައި އުޅުން ދޫކޮށްލައި ހެޔޮވެގެންވާ ސީދާމަގުން ހިނގާނެ ދުވަހަކެވެ. އެހެނަސް އެދުވަސް ދެން ދުވަހަކުވެސް ނުފެންނާނެތާއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުވެސް ހުވަފަތްވީތާއެވެ. އަނެއްކާ ހުސްހަށިބައި މީހަކަށް ވީތާއެވެ. އެހެނަސް ހާނިމް ނެތުމަކުން ރާމިޔާއަކަށް ލިބޭނެ އެއްވެސް ދަތިކަމެއްނެތެވެ. ހިތްހަމަޖެހިގެން ނޭވައެއްލެވޭނެ ފުރުސަތެއްލިބުނީތާއެވެ.

"މަންމާ…. ކީއްވެ އަހަރެންނަށް މިހުރިހާ ކަމެއް ވެގެންދިޔައިރު އެކަކުވެސް ހިލަމެއްނުވީ… މިރަށު ދުރުތާހިލޭ މީހަކު އަހަރެންނަށް ގުޅާފަ ޙަބަރުދިނީމަ އަހަރެންނަށް މިއަދު އަންނަން މި އެނގުނީ…." ފަސީހުހުރީ ޤަފޫރަށް ޖެހުނު ހާޓްއެޓޭކްގެ ވާހަކަ ފަސީހަށް ނޭންގުމުން އެކަމާ ނުރުހުންވެފައެވެ. ލޯބިވާ ބައްޕައަށް އެވަރުގެ ކަމެއް ދިމާވުމުން އެވާހަކަ ނޭންގުމުން އެކަމާ ދެރަވެފައެވެ.

"ދެން ތިވާހަކަ ބާއްވާ ފަސީ… ކަންތައްތައް ވެގެންދިޔަލެއް އަވަސްކަމުން އަހަރެމެންނަށްވެސް ވަގުތެއްނުވީ.. ދައްތަ ބުނިން ފަސީގެ މަންމަ ކައިރީގަ، ފަސީއަށް ނާންގައެއް ކަމަކު ނުދާނެޔޭ… އެކަމަކު ފަސީގެ މަންމަ ބުނީ ފަސީ އޮންނާނީ ނިދާފައޭ… އެދަންވަރު ފަސީއަށް ގުޅާފަ އެންގިޔަސްވެސް ފަސީއަށް ރަށަށް އާދެވޭނީވެސް ފަތިހުތާދޯ… ދެންމެ ދައްތައަށް ގުޅާފަ ހަސްފަތާލުގަ ހުރި ކުއްޖެއްބުނި، ބޭބެ ހޭއަރާފިއޭ…އެހެންވީމަ ދޭ ފްރެޝްވެލައިގެން އަންނަން… އެންމެން އެއްކޮށް ހޮސްޕިޓަލަށް ދާނީ ދޯ… ދޭ އަވަހަށް ރެޑީވެލައިގެން އަންނަން…. ފަސީ އަންނަންދެން އަހަރެމެން ތިބޭނަން އިންތިޒާރުގަ…" ރައްދުގައި ޖަވާބުދިނީ ފާތުމައެވެ.

****

"ބައްޕާ!!!!" ރާޒިޤު ފެނުމާއެކު ޖޫލީ އުފަލުންގޮސް ފޮޅުނެވެ. ދުވެފައިއައިސް ބައްދާލީ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ރާޒިޤުވެސް ދަތްކޮޅު ރޮނޑަށްދީގެންހުރެ ޖޫލީގެ ބޮލުގައި ފިރުމާލުމަށްފަހު ނިތްކުރިއަށް ދޮނެއްދިނެވެ. އެ މަންޒަރު ބަލަން ހިނިތުންވެލާފައި ޒުނާމް ހުއްޓެވެ.

"ބައްޕަ މަތިން އަދި މަންމަ މަތިން ވަރަށް ވަރަށް ވަރަށް ބޮޑަށް ހަނދާންވި…. ވަރަށް ވަރަށް ވަރަށް ލޯބިވޭ……. އަހަރެން ދެން އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ބައްޕަމެންނާ ދުރަށް ދާކަށް ނުޖެހޭނެ…. އަބަދުމެ ހުންނާނީ ކައިރީގަ…." ޖޫލީ އުންމީދާއެކު ބުނެލިއެވެ. ޖޫލީގެ ކުރިމަތީގައި ރާޒިޤަކީ އެފަދަ ދެވަނައެއް ނުވާ ނަމޫނާ ބައްޕައެކެވެ. ޖޫލީ އޭނާގެ ފުރާނަ ފަދައިން ރާޒިޤުދެކެ ލޯބިވަނީ ސަބަބެއްނެތިއެއް ނޫނެވެ. ރާޒިޤްގެ ދެވަންސޫރަ ޖޫލީއަށް ވަންހަނާވެފައި އޮތް އޮތުމާއިއެކު ރާޒިޤުގެ ފަރާތުން ޖޫލީއާއި ފާތުމައަށް ލިބޭ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން ޖޫލީގެ ނަޒަރުގައި ރާޒިޤަކީ ނަމޫނާ ބައްޕައެކެވެ. ނަމޫނާ ފިރިއެކެވެ. ބިލިއަނަކުން އެކެކެވެ. ޖޫލީއަކީ ރާޒިޤުގެ ދަރިއަކަށްވުމީ ޖޫލީގެ ނަޒަރުގައި އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ފަޙުރެވެ. އެންމެ ބޮޑު ނަސީބެވެ. އެންމެ ބޮޑު އެއް ރަޙުމަތެވެ.

"ބައްޕާ… މަންމަ ބުނި އަންނާނަމޭ.. އެކަމަކު ނައީ ކީއްވެ؟" ފާތުމަ ފެންނަން ނެތުމުން ޖޫލީ ސުވާލުކޮށްލިއެވެ.

"މަންމަ އަންނަންވެގެން ވަރަށް ތައްޔާރުވެގެން އިނީ… އެކަމަކު ދިމާވި ކަންތައްގަނޑަކުން އާދެވޭގޮތް ނުވީ…" ރާޒިޤު ބޯހޫރާލަފައި ބުންޏެވެ.

"ކީކޭ… ކޮންކަންތައްގަނޑެއްގެ ވާހަކައެއް ތިބުނީ.." ޖޫލީ ހާސްވެފައި ސުވާލުކޮށްލިއެވެ. ވީގޮތެއް އެނގެން ބޭނުންވެގެންނެވެ.

"ޤަފޫރުބެއަށް ހާޓްއެޓޭކެއް ޖެހުނީ….އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ދެން ފެނުނީ ރާމިޔާ ފިރިމީހާ ދަންޖެހިފަ ހުއްޓަ… އެވެސް ރާމިޔާގެ ކޮޓަރީގަ… އެފަކީރު ބިރުން ކިރިޔާ މަރުނުވެ ހުރީ… އެހެންވެ މަންމައަށް މަޖުބޫރުވީ ރަށުގަ މަޑުކުރަން.. ފަސީހުވެސް ހުރީ ރިސޯޓުގަ ވިއްޔަ.." ރާޒިޤު ޖޫލީގެ ސުވާލަށް ޖަވާބުދިނެވެ.

= ނުނިމޭ =

ލިޔުންތެރިޔާގެ ނޯޓް:

އަޅުގަނޑުގެ ވާހަކަތަކާއި ގުޅޭ ވައިބަރ ކޮމިއުނިޓީއާއި ގުޅިލެއްވުމަށް ތިރީގައިވާ ލިންކަށް ފިތާލެއްވާ އަދި ކޮމިއުނިޓީއާއި ގުޅިލައްވާ!

ލިންކް =  ކޮމިއުނިޓީ

ވާހަކައިގެ މި އެޕިސޯޑް ކަމުދިޔަ ނަމަ ތިރީގައި ކޮމެންޓުކޮށްލަދެއްވާ އަދި ކަމުނުދާނަމަވެސް ރަނގަޅުކޮށްލަންވީ ކަންކަން ފާހަގަކޮށްލަދެއްވާ ކިޔުންތެރިންގެ ފަރާތުން ލިބިގެންދާ ބިނާކުރުވަނިވު ފާޑުކިޔުމަކީ ލިޔުންތެރިޔަކަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު!

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު