އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުވެއްޖެ

އިސްރާއީލުގެ ބާރުތަކުން މިއަދު ހެނދުނު ވެސްޓް ބޭންކުގެ ޖެނިން ސަރަހައްދުގައި ހިންގި ހަމަލާއެއްގައި ފަލަސްތީނުގެ ދެރައްޔިތަކު ޝަހީދުކޮށްލައިފިއެވެ. ޤަބާތިޔާ ސަރަހައްދުގައި ހިންގުނު މި ހަމަލާގައި ޝަހީދުވި ދެ ފަރާތުގެ ހަށިގަނޑު އިސްރާއީލުގެ ބާރުތަކުން ވަނީ ގެންގޮސްފައެވެ.

ފަލަސްތީނުގެ ސިއްހީ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ހަމަލާގައި ޝަހީދުވެފައިވަނީ 32 އަހަރުގެ މުހައްމަދު ޒަކަރްނާ އާއި 19 އަހަރުގެ މަރޫހު ހުޒައިމިއްޔާއެވެ. މި ދެ ފަރާތް ޝަހީދުކޮށްލީ ޤަބާތިޔާ ސަރަހައްދުގައި އިސްރާއީލުގެ ބާރުތަކުން ދިން ބަޑީގެ ޙަމަލާއެއްގައެވެ.

ފަލަސްތީނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އިސްރާއީލީ ހާއްސަ ބާރުތަކުން ޤަބާތިޔާ އާއި މިސްލިޔާ ސަރަހައްދަށް ވަދެ، އަލް-މުހަންދިސީން ސަރަހައްދުގެ ގެއަކަށް ވަށައިލައި، ދެ ފަލަސްތީނު ރައްޔިތަކު ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން އިސްރާއީލުގެ އަސްކަރީ ބުލްޑޯޒަރަކުން ވަނީ ފަލަސްތީނުގެ ގެއެއް ސުންނާފަތިކޮށްލައި އެކަކު ޝަހީދުކޮށްލާފައެވެ.

އަލް-ޤުދުސް ބްރިގޭޑްސްގެ ޖެނިން ބެޓަލިއަންއިން ބުނި ގޮތުގައި އެ ބެޓަލިއަންގެ ފައިޓަރުން ވަނީ މިސްލިޔާ ސަރަހައްދުގައި އިސްރާއީލީ އަސްކަރީ ބާރުތަކާ ކުރިމަތިލައި، ހަނގުރާމައިގައި ބައިވެރިވެފައެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލީ ބާރުތަކުން ވަނީ ވެސްޓް ބޭންކުގެ އެކި ސަރަހައްދުތަކުން މަދުވެގެން ފަލަސްތީނުގެ 15 ރައްޔިތުން ހައްޔަރުކޮށްފައެވެ. އަދި ނަބްލުސް ސަރަހައްދުގައި ހިންގި ހަމަލާއެއްގައި އެއް ފަލަސްތީނު ޒުވާނެއްގެ ގަޔަށް ވަޒަން ޖަހައި ޒަޚަމުކޮށްލާފައިވާކަމަށް ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު