ރާއްޖޭގެ ވިޔަފާރި ބަނދަރު. ފޮޓޯ: އެމްޕީއޭލް

ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޑިޖިޓަލް ޕްލެޓްފޯމް "ޓްރޭޑިއަން" އާދިއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށަނީ

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާ ގޮތަށް ނިންމައިފިއެވެ.

މި ޕްލެޓްފޯމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން، ދިވެހި ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަންޖެހޭ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ލިބޭނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ 2 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް ޖޫން 1 އިން ފެށިގެން ޚިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި މި ޕްލެޓްފޯމް މެދުވެރިކޮށެވެ.

އެމްޕީއެލްއިން ޓްރޭޑިއަން މެދުވެރިކޮށް ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ފޮރިން ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި، ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން ހިމެނެއެވެ. މީގެއިތުރުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވެސް އާދިއްތަ ދުވަހުން ފެށިގެން ޝިޕިންގ އޭޖެންޓުން ރަޖިސްޓްރީކުރުމާއި، ފްރައިޓް ފޯވާޑަރުން ރަޖިސްޓްރީކުރުން ފަދަ ޚިދުމަތްތައް ދޭނީ މި ޕްލެޓްފޯމް މެދުވެރިކޮށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަސްމީކޮށް އިފްތިތާޙްކުރެވުނު މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. އަދި ޖޫން 1 އާ ހަމައަށް ޓްރޭޑިއަންގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ކާގޯ މެނިފެސްޓް ހުށަހެޅުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ކަސްޓަމްސްއަށް ހުށަހެޅުމުގެ ޚިދުމަތް މިހާރެކޭ އެއްގޮތަށް ލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު