16 ޖަނަވަރީ 2026
ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސް- (ހުޅުމާލެ) ގެ ކުރެހުމެއް؛ ފޮޓޯ: އެޗްޑީސީ

ހައުސިންގ މަޝްރޫޢުތަކަށް އިންވެސްޓަރުން ވަރަށް ބޮޮޑު ޝައުޤުވެރިކަމެއް ފާޅުކުރަމުން އެބަދޭ: ހައުސިންގ

ސަރުކާރުން އިޢުލާންކޮށްފައިވާ ހައުސިންގ މަޝްރޫޢުތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނާއި ކޮންޓްރެކްޓަރުން ވަރަށް ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއަހަރުގެ ބަޖެޓުގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ގެދޮރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން 2.8 ބިލިއަން ރުފިޔާގެ ތެރެއިން 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށެވެ. މި މަޝްރޫޢުތައް 57 ރަށެއްގައި 4 ކެޓަގަރީއެއްގެ ދަށުން ހިންގުމަށް ވަނީ އިޢުލާންކޮށްފައެވެ.

މި މަސައްކަތާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ، މަޝްރޫޢުތަކަށް ވަރަށް ގިނަ ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. މީގެތެރޭގައި ރާއްޖެއިން ބޭރުގެ ކުންފުނިތައްވެސް ހިމެނޭކަމަށެވެ.

"ވަރަށް ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށް މަޢުލޫމާތު އޮޅުންފިލުވަމުން ދަނީ. އިންވެސްޓަރުންނާ ކޮންޓްރެކްޓަރުންގެ ޝަޢުގުވެރިކަން އެބަހުރި. ދުނިޔޭގެ ފެންވަރުގެ ރަނގަޅު ކޮންޓްރެކްޓަރުން މި ޕްރޮޖެކްޓްތަކަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް." ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެފައިވަނީ މާލެ ސަރަހައްދާއި އަތޮޅުތަކުގެ މަޝްރޫޢުތަކަށް ބޭނުންވާ ކޮންޓްރެކްޓަރުންނާއި ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އަމާޒަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގައި ތިބި ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދިނުން ކަމަށެވެ.

ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިޢުލާނުކޮށްފައެވެ.

ބީލަމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫއުތަކެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހުށައެޅޭނީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ.

މީގެއިތުރުން، 51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު