ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ކައިރީގައި ތަރައްގީކުރާ 3 ފަންގިފިލާގެ ދާއިމީ މިސްކިތް އަންނަ މަހު ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކުރަމުން އަންނަ މިސްކިތެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 8 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އޭގެ ތެރެއިން 4 ވަރަކަށް މިސްކިތް މިއަހަރު ތެރޭގައި މަސައްކަތް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން 3 ބުރީގެ ދާއިމީ މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހު ފަހުކޮޅު ހުޅުވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ 3000އެއްހާ މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. ވަޒީރު ޝަހީމް ވިދާޅުވީ އަމާޒަކީ މިއަހަރުގެ ނިޔަލަށް ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް ބިނާކުރުންކަމަށެވެ.
މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫޢުތަކެއް ހުރީ ހުއްޓިފައިކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން އަތޮޅުތެރޭގައިވެސް ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށްގެންދިޔުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރީ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫޢުތަކަށް ފައިސާ ހަވާލުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށްދަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢެއް މިއަހަރު ކުރިއަށްގެންދެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.