ހާފިޠުން ގްރެޖުއޭޓްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢެއް އަންނަ މަހު ފަށަނީ

އިސްލާމިކް މިނިސްޓްރީން އަންނަ މަހުން ފެށިގެން އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އިއުލާނު ކުރައްވައިފިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދެވޭނީ އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައެވެ. މިގޮތުން ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާރު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަމުގައި މި މަޝްރޫޢު ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި ޤުރުއާން އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތައް. މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ( ރައީސްގެ ވައުދެއް) ތ. ގުރައިދޫ. ގދ. ގައްދޫ ( ރައީސްގެ ވައުދެއް) ލ. އިސްދޫ ކަލައިދޫ ( ރައީސްގެ ވައުދެއް) ހއ. އުތީމު. ( ރައީސްގެ ވައުދެއް) ދ. މީދޫ، މިތަންތަނުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކަށް، ޤުރުއާން މަރުކަޒުން ޤުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

އަދި ފުވައްމުލަކު ސިޓީގެ ޤުރުއާން މަރުކަޒަށް، އެ މަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުންވެސް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫޢުއާ ގުޅިގެން، ސައޫދީ ސަރުކާރުން 25,000 މުޞްޙަފް ދިވެހި ސަރުކާރަށް ހަދިޔާ ކުރައްވާފައިވާ ކަމަށާއި، މި މުޞްޙަފްތަކާ ޙަވާލުވުމުގެ ރަސްމިއްޔާތު މިއަދު މެންދުރު 1:30 ގައި އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު