މޮރޮކޯގައި މިއަހަރުގެ އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން ހިޖުރީގޮތުން 10 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނަށެވެ. އަދި މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކަށާއި ރާއްޖޭގެ މަޝްހޫރު ޤާރީންނަށް މި ފުރުސަތު ނުލިބޭނެއެވެ.
މުބާރާތުގައި ވާދަކުރެވޭނީ ދެ ގޮފީގައެވެ. އެއީ މުޅި ޤުރުއާން ހިތުދަސްކޮށް ތަޖުވީދުގެ ހަމަތަކާއެކު ކިޔެވުމާއި ތަފްސީރު ކިޔުމުގެ ގޮތްޕާއި، ވިދިވިދިގެން 5 ޙިޒްބު ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މުޅި ޤުރުއާން ހިތުދަސްކޮށް ކިޔެވުމުގެ ގޮތްޕަށް ކުރިމަތިލެވޭނީ ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރުއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ.
މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ފޯމު ހުށަހެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މުބާރާތަށް ބައިވެރިން ހޮވުމަށް ޚާއްޞަ އިމްތިޙާނެއް ބޭއްވޭނެއެވެ.
އުމުރުން 18 އަހަރު ނުވާ ކުދިންނާއި، ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް މުބާރާތަށް ހޮވިއްޖެނަމަ، އެ ފަރާތްތަކާއެކު ބެލެނިވެރިއަކު ގެންދިއުމުގެ އިންތިޒާމު މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.