ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ %95 އިންސައްތަ އުޅަނދު، މިހާތަނަށް މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގައި ހަރަކާތްތެރިވާ %95 މަސްވެރި އުޅަނދު ދަފުތަރު ކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ މަސްވެރިންގެ ދުވަހާއި ހަމައަށްދާއިރު މަސްވެރިންގެ ތެރެއިންވެސް ގިނަ މަސްވެރިން މިދަފުތަރުގައި ރަޖިސްޓަރވާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މަސްވެރިންނާއި ގުޅިގެން ސަރުކާރުން ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިންނަށް ލޯނު ނެގޭނެ ގޮތް ބޭންކްތަކުގެ ތެރެއިން ހަމަޖެއްސުން. މިދަފުތަރުގައި ރަޖިސްޓްރީވާ ކޮންމެ މަސްވެރިއަކަށް ލޯނާއި ކްރެޑިޓް ފެސިލިޓީއަށް އެޕްލައިކުރެވޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދާއިރާއެއް ނަމަވެސް، މަސްވެރިންގެ މަސައްކަތް ރާއްޖޭގެ މާލީ އިދާރާތަކުން ރަސްމީ މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުމުގެ ޝަކުވާއަކީ މަސްވެރިންގެ ޒަމާންވީ ޝަކުވާއެކެވެ.
ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވިއިރު 250 މިލިއަނަށްވުރެ ގިނަ ފައިސާގެ ބޮޑު ބެކްލޮގް ކްލިއަރކޮށް، މިހާތަނަށް އައިއިރު 475 މިލިއަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ. އަދި އޭގެ ނަތީޖާ މަސްވެރިކަމުގެ ސިނާޢަތުން ފެންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިދައުރުގެ ތެރޭގައި ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ.