2018 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން، ފޮޓޯ: ޔުނިސެފް

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި

މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މާލޭ ސަރަޙައްދުގެ ހުރިހާ ސްކޫލުތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށާއި، އަތޮޅުތެރޭގެ ސްކޫލުތަކުގައިވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައް ބޭއްވުމަށް ނިންމާފައިވާއިރު، މި ހަރަކާތްތައް ކިޔަވައިދިނުމުގެ ގަޑިތަކަށް ދަތިނުވާގޮތަށް އަދި ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ޚަރަދުކުޑަކޮށް ކުރިއަށްގެންދިއުމަށް ވަޒީރު އިރުޝާދު ދެއްވާފައިވެއެވެ.

މި ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެކުދިންގެ ޙައްޤުތަކާއި، އެކުދިންނާމެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔައިދިނުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. އަދި މި ހަރަކާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ވަގުތުން ވަގުތަށް އާންމުންނާ ހިއްސާކުރަމުން ގެންދާނެކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު