ދުންފަތް ވިއްކުމުގެ ލައިސަންސަށް އެދެން ހުޅުވާލައިފި

ރާއްޖޭގައި ދުންފަތް ވިއްކުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" ގެ ދަށުން އާންމުކޮށްފައިވާ "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ޤަވާޢިދު"ގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތަކަށް ލައިސަންސް ނެގުން ލާޒިމުވެއެވެ.

އެ ލައިސަންސްތައް ހޯދުމަށާއި ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅޭގޮތުން ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ ރާއްޖެއަށް ދުންފަތް އެތެރެކުރުމާއި ވިއްކުމަށް ހަތަރު ލައިސަންސެއް ދޫކުރާނެއެވެ. މީގެ ތެރޭގައި ހިމެނެނީ ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި ދުންފަތުގެ އައު ބާވަތެއް ރަޖިސްޓްރީކުރުން ހިމެނެއެވެ.

މި ލައިސަންސްތައް ދޫކުރަނީ 5 އަހަރު ދުވަހަށެވެ. ފަސް އަހަރަށްފަހު އަލުން ލައިސަންސް އައު ކުރަންޖެހޭ ކަމަށާއި ލައިސަންސް ނެގުމަށާއި އައު ކުރުމަށްވެސް ފީ ދައްކަންޖެހޭނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް ނެގުމަށާއި އައު ކުރުމަށް 5000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އަދި އެހެން ލައިސަންސް ނެގުމަށާއި އައު ކުރުމަށް 10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

މި ލައިސަންސްތަކަށް އެދި ވަންގަވް ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އެ ވުޒާރާއިން ވަނީ ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ކުރަމުން އަންނަ ހުރިހާ ފަރާތްތަކުން މިއަދުން ފެށިގެން 3 މަސްދުވަހު ތެރޭގައި ލައިސަންސް ނެގުމަށް އަންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު