އިސްރާއީލުން ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުން 6 ހަފްތާއަށް ވުރެ ގިނަ ދުވަހަށް ހުއްޓުވުމާ ގުޅިގެން، އެތައް ހާސް ކުދިން ކެއިން ބުއިމުން މަޙްރޫމުވެފައިވާ ކަމަށް ބުނެ އެހީދޭ ޖަމާއަތްތަކުން އިންޒާރު ދީފިއެވެ. އދ. އިން ބުނާ ގޮތުގައި ގިނަ މީހުންނަށް ދުވާލަކު އެއް ފަހަރުވެސް ކާން ނުލިބެއެވެެ.
މިނިވަން އެހީދޭ 12 ޖަމާއަތެއްގެ އިސްވެރިން އެކުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އިންސާނީ އެހީގެ ނިޒާމު "މުޅިން ފުނޑުފުނޑުވެގެން ދިއުމުގެ" ނުރައްކަލާ ކުރިމަތިވެފައިވާ ކަމަށެވެ. އިސްރާއީލުގެ ހަމަލާތައް އަލުން ފެށުމާ ގުޅިގެން ސަރަހައްދުގައި މަސައްކަތްކުރުން ނުރައްކާތެރިވުމުން ގިނަ ޖަމާއަތްތަކުން ވަނީ އެމީހުންގެ މަސައްކަތް ހުއްޓާލާފައެވެ.
އދ. ގެ އިންސާނީ އެހީގެ އޮފީހުން ބުނާ ގޮތުގައި ޣައްޒާގެ 2 މިލިއަނަށް ވުރެ ގިނަ އާބާދީއެއް މިހާރު ބަރޯސާވަނީ ހިލޭސާބަހަށް ހިންގާ ބަދިގެތަކަށެވެ. ނަމަވެސް މި ބަދިގެތަކަށް ދުވާލަކު ތައްޔާރުކުރެވެނީ 1 މިލިއަން ކެއުމެވެ. މި ކެއުންތަކުގައި ވެސް ހިމެނެނީ ހަނޑޫ ނުވަތަ ޕާސްޓާއެވެ. ތާޒާ ތަރުކާރީ އަދި މަހެއްވެސް ނުހިމެނެއެވެ.
ވޯލްޑް ފުޑް ޕްރޮގްރާމުން އޭޕްރީލް މަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޣައްޒާގެ އާބާދީގެ 80 އިންސައްތަ މީހުން ބަރޯސާވަނީ އިންސާނީ އެހީގެ ގޮތުގައި ލިބޭ ކާނާއަށެވެ. އަދި ފެނުގެ ދަތިކަން ވެސް ވަނީ އިތުރުވެފައެވެ. ފެން ލިބޭ ޓްރަކުތަކުގެ ކައިރީގައި ދިގު ކިއުތަކުގައި މީހުން ޖެހެއެވެ. ފެނުގެ ޔުޓިލިޓީއެއްގެ އޮފިޝަލެއް ކަމަށްވާ އޮމަރު ޝަތާތު ބުނާ ގޮތުގައި މީހަކަށް ދުވާލަކު ލިބެނީ 6 ނުވަތަ 7 ލީޓަރު ފެނެވެ. މިއީ އދ. އިން ބުނާ އަސާސީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ވުރެ މާ ދަށް އަދަދެކެވެ.
މާރޗް މަހު 3،600 އަށް ވުރެ ގިނަ ކުދިން ވަނީ ކެއުމުގެ ދަތިކަމުގެ ސަބަބުން ފަރުވާ ހޯދަން ޖެހިފައެވެ. މިއީ ފާއިތުވި މަހާ އަޅާބަލާއިރު 2،000 އަށް ވުރެ ގިނަ އަދަދެކެވެ. އިސްރާއީލުން މާރޗް 18 ގައި ހަނގުރާމަ އަލުން ފެށުމަށްފަހު، އެތައް ސަތޭކަ މީހުން ޝަހީދުވެ، ސަރަހައްދުގެ ބޮޑު ބައެއް އިސްރާއީލީ ސިފައިންގެ ބާރުގެ ދަށަށް ވަނީ ގޮސްފައެވެ.