الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:
{بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ}
މާނައީ: ﷲގެ އިސްމުފުޅުން ފަށަމެވެ. އެއިލާހަކީ ރަޙުމާނު ވަންތަ ރަޙީމްވަންތަ އިލާހެވެ.
(قُلْ أَعُوذُ بِرَبِّ الْفَلَقِ *مِن شَرِّ مَا خَلَقَ * وَمِن شَرِّ غَاسِقٍ إِذَا وَقَبَ * وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ * وَمِن شَرِّ حَاسِدٍ إِذَا حَسَدَ)
(ސޫރަތުގެ މާނައީ: “ކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވިދާޅުވާށެވެ. ފަތިހުގެ ވެރިރައްބުގެ(ފަތިހުގެ އަލިކަން ނެރުއްވަވާ ރައްބުގެ) ކިބައިން ތިމަންކަލޭގެފާނު ރައްކާތެރިކަމަށް އެދިވަޑައިގަންނަވަމެވެ. އަދި ﷲ އުފެއްދެވި ހުރިހާ ތަކެތީގެ ކިބައިންވެސް މެއެވެ. އަދި ރޭގަނޑުގެ އަދިރިގަންނަ ހިނދު އެރޭގަނޑުގެ އަނދިރިކަމުންވެސްމެއެވެ. އަދި ގޮތްތަކަށް ފުމެއުޅޭ ސިޙުރުހަދާމީހުންގެ ނުބައިކަމުންވެސް މެއެވެ. އަދި ޙަސަދަވެރިވާ ހިނދު ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއެވެ”.)
ފަލަޤި ސޫރަތް ބަޔާންކުރެއްވުމަށްފަހު ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.
"(قُلْ أَعُوذُ بِرَبِّ الْفَلَقِ ) މިއާޔަތުގައިވާ (رَبِّ الْفَلَقِ) އަކީ ﷲއެވެ. އަދި ފަލަޤަކީ ފަތިހުގައި(ނެރުއްވާ) އަލިކަމެވެ. (ނުވަތަ ފަތިހެވެ) . އަދި އެބަހުގެ މާނަ އެޔަށް ވުރެ ޢާންމު މާނައިގައި ބޭނުންކުރުން ހުއްދަވެގެންވެއެވެ. ހަމަކަށަވަރުން ފަލަޤަކީ ﷲ ތަޢާލާ ފަތިހުގެ އަލިކަމާއި، އޮށާއި އޮއްޓަރުން ފަދައިން ނެރުއްވާ ކޮންމެ ކަމެއް (ފަލަޤަށް) ވާހުއްޓެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިބަސްފުޅުގައި ވަހީކުރައްވާފައިވާ ފަދައިންނެވެ. (إِنَّ اللَّه فَالِقُ الْحَبِّ وَالنَّوَىٰ) (މާނައީ: ހަމަކަށަވަރުން ﷲއީ އޮށްޓަރާއި އަދި އޮށުން (ގަސްގަހާގެހި)ފަޅުއްވަވާ އިލާހެވެ.) އަދިވެސް ވަޙީކުރައްވާފައިވެއެވެ. (فَالِقُ الْإِصْبَاحِ…) (މާނައީ: ފަތިހުގެ އަލިކަން ނެރުއްވާ އިލާހެވެ.)
(مِن شَرِّ مَا خَلَقَ) (މާނައީ: ﷲ އުފެއްދެވި ހުރިހާތަކެތީގެ ނުބައިކަމުން ރައްކާތެރިކަން އެދެމެވެ.) އެބަހީ ހުރިހާ މަޚުލޫޤުތަކުގެ ނުބައިކަމުންނެވެ. އޭގެ ތެރޭގައި (އިންސާނުންގެ) ނަފްސުވެސް ހިމެނެއެވެ. ސަބަބަކީ ނަފްސަކީ ނުބައިކަންކަމަށް އަރައިގަތުމަށް ލަންބުވަނިވި އެއްޗެކެވެ. (مِن شَرِّ مَا خَلَقَ) މިފަދައިން ބުނެފިނަމަ އެންމެ ފުރަތަމަ ވަންނަ (މަޚުލޫޤަކީ) ތިބާގެ ނަފްސެވެ. ޚުތުބަތުލް ޙާޖާ (ޚުތުބާ ފައްޓަވަން ނަބިއްޔާ ކިޔުއްވާ ބަސްފުޅުތައް ނުވަތަ ޙަދީޘް) ގައިވެއެވެ.«((نَعُوْذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا))» (1) މާނައީ: “ތިމަންނާމެން ތިމަންމެންގެ ނަފުސުތަކުގެ ނުބައިކަން ﷲގެ ރައްކާތެރިކަމަށް އެދެމެވެ.”
އަދިވެސް މިވަޙީބަސްފުޅު ކަމަށްވާ (مِن شَرِّ مَا خَلَقَ) (މިއާޔަތުގައިވާ މަޚުލޫޤުންތަކުގެ ތެރޭގައި) އިންސާނުންގެ ތެރެއިން ހިމެނޭ ޝައިތާނުންނާއި ޖިންނީންގެ ތެރެއިން ހިމެނޭ ޝައިތާނުންނާއި އަދި ދިރޭތަކެތީގެ ތެރޭގައިވާ ޝައިތާނުންނާއި އަދި އެނޫން އެއްޗެހިވެސްވެއެވެ.
(وَمِن شَرِّ غَاسِقٍ إِذَا وَقَبَ) (މާނައީ: އަދި ރޭގަނޑުގެ އަދިރިގަންނަ ހިނދު އެރޭގަނޑުގެ އަނދިރިކަމުންވެސްމެއެވެ). الغاسق އާއިބެހޭގޮތުން ބުނެވެއެވެ. (ޢިލްމުވެރިން ބަޔާންކުރައްވައެވެ). “އެއީ ހަމަކަށަވަރުން ރޭގަނޑެވެ”. އަދި ބުނެވެއެވެ. “އެއީ ހަމަކަށަވަރުން ހަނދެވެ”. ރަނގަޅު ގޮތަކީ މިޔަށްވެސް އަދި އެޔަށްވެސް (ދޭއްޗަށްވެސް) މިލަފުޒު ޢާންމުވެގެންވެއެވެ. ރޭގަނޑު (މިމާނައަށް) ބަލާއިރު، ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ…) [އިސްރާ ސޫރަތް:78] (މާނައީ: ކަލޭގެފާނު މެންދުރުވެއްޖައުމުން ފެށިގެން ރޭގަނޑުގެ އަނދިރިކަން ގަންނަންދެން ނަމާދު (ނަމާދުތައް: މެންދުރު، ޢަޞްރު، މަޣްރިބް، ޢިޝާ) ޤާއިމުކުރައްވާށެވެ.) އަދި ރޭގަނޑުގައި ދިރޭސޫފާސޫފިތަކާއި ޖަނަވާރުތައް ގިނަވެއެވެ. (ގިނައިން ނުކުމެއެވެ). އެހެންކަމުން ރޭގަނޑުގެ(ޣާސިޤުގެ) ނުބައިކަމުން ރައްކާތެރިވަނީއެވެ. އެބަހީ (ޣާސިޤަކީ މިތާނގައި) ރޭގަނޑެވެ.
ހަނދަށް (އެމާނައަށް) ބަލާއިރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އައިސްފައިވާ ޙަދީޘްގައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ހަނދު ދެއްކެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. (هَذَا هُوَ الغَاسِقُ( (2)) މާނައީ: “ފަހެ ޣާސިޤަކީ މިއެވެ.”
އަދި ހަމަކަށަވަރުން ހަނދު (غَاسِق) އެއްކަމުގައިވަނީ އެއީ ރޭގަނޑުގައި އަރާއެއްޗެއްކަމުގައި ވާތީއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅު (وَمِن شَرِّ غَاسِقٍ إِذَا وَقَبَ) މިއަންނަނީ މިބަސްފުޅު (من شر ما خلق)އަށް ޢަޠުފެއްގެ ގޮތުގައި ގުޅިގެންނެވެ. (عَطْفٌ އަކީ ގުޅިގެން ނުވަތަ ހިމެނިގެން ނުވަތަ ވިދިގެން އަންނަ އެއްޗެއްސަށް ޢަރަބި ބަހުގެ ޤަވާޢިދުގައި ކިޔާނަމެކެވެ.) އެއީ ޢާންމު އެއްޗަކަށްފަހު އެޔާވިދިގެން އޭގެ މައްޗަށް އަންނަ ޙާއްޞަ އެއްޗެއްގެ ގޮތުގައެވެ. ސަބަބަކީ ޣާސިޤުއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ މަޚުލޫޤުންގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅުގެ (إِذَا وَقَبَ) މުރާދަކީ: ވަދެއްޖެހިނދެވެ. ފަހެ ރޭގަނޑު އޭގެ އަނދިރިކަން ވަދެއްޖެނަމަ (ވެރިވެއްޖެނަމަ) އެއީ ޣާސިޤެވެ. އަނދި ހަނދުވެސް އެފަދައިންނެވެ. އޭގެ ހަނދުވަރުން ހަނދުވަރު ދީފިނަމަ އެއީ “ޣާސިޤު”އެވެ. އެކަން ރޭގަނޑުގައި މެނުވީ ނުވެއެވެ.
(وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ)(މާނައީ:އަދި ގޮށްތަކަށް ފުމެއުޅޭ ސިޙުރު ޙަދާމީހުންގެ ނުބައިކަމުންނެވެ.) މިއާޔަތުގައިވާ (النَّفَّاثَاتِ فِي الْعُقَدِ): އެއީ އަންހެން ސިޙުރުވެރީންނެވެ. އެބައިމީހުން ރޮދިފަށްފަށް (ވާފަށްފަށަށް)ގޮށްޖަހައެވެ. އަދި ޝައިތާނުންގެ ނަންތައް ހިމެނޭ ސިޙުރުގެ ބަސްތައް ކިޔެވުމަށްފަހު ޖަހާ ކޮންމެ ގޮށަކަށް ފުމެއެވެ. ގޮށްޖަހާފައި އަނެއްކާވެސް ފުމެއެވެ. ގޮށްޖަހާފައި އަނެއްކާވެސް ފުމެއެވެ. އަދި ކާހިނުކަނބުލޭގެ އޭނާގެ ޒާތުގައިވެސް ވަނީ މަކަރުވެރި ނުބައި މީހެއްކަމުގައެވެ. އޭނާ (ސިޙުރުޖައްސަން)ބޭނުންވަނީ ވަކި ޙާއްޞަ މީހަކަށެވެ. އަދި ސިޙުރު ޖެހޭ މީހާގެ ނިސްބަތުން މި ސިޙުރުގެ އަޘަރު އެމީހަކަށް ކުރެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިތަނުގައި ބަޔާންކުރައްވާފައިވަނީ (ލަފުޒުގެ ގޮތުން) އަންހެން ސިޙުރު ހަދާމީހުންގެ (ކާހިނުންގެ) ވާހަކައެވެ. ފިރިހެން ސިޙުރުވެރީންގެ ވާހަކައެއް ބަޔާންނުކުރައްވައެވެ. ސަބަބަކީ ޢާންމުގޮތެއްގައި ގިނައިން މިބާވަތުގެ ސިޙުރު ހަދާއުޅެނީ އަންހެނުންގެ ތެރޭގައި ހިމެނޭ ކާހިނުންކަމުގައި ވާތީއެވެ. އެހެންކަމުން ވަޙީކުރެއްވިއެވެ. (النَّفَّاثَاتِ فِي الْعُقَدِ). އަދި މިއާޔަތުގައިވާ( النَّفَّاثَاتِ ގެ މުރާދަކީ) ސިޙުރުވެރީންގެ ފުމޭފުމުންތައް ކަމުގައިވެސް ބުނެވިދާނެއެވެ. އެހެން ކަމުން ސިޙުރު ހަދާ ފިރިހެނުންނާއި އަންހެނުން މިތާގައި ޝާމިލުވެގެންވެއެވެ.
(وَمِن شَرِّ حَاسِدٍ إِذَا حَسَدَ).(މާނައީ: “އަދި ޙަސަދަވެރިވާ މީހުންގެ ޙަސަދައިގެ ނުބައިކަމުންނެވެ”). ޙަސަދަވެރިޔާއަކީ އެހެންމީހަކަށް ﷲ ދެއްވާ ނިޢުމަތުގެ މައްޗަށް ނުރުހެންތެރިވާ މީހާއެވެ. ފަހެ ﷲ މީހަކަށް މުދަލުން ނުވަތަ ޖާހުން(ހަށިގަނޑުން) ނުވަތަ ޢިލްމުން ނުވަތަ އެނޫންވެސް ކަމަކުން ނިޢުމަތްދެއްވައިފި ކަމުގައިވާނަމަ، އޭނާ އެކަން ބަލައިގަންނަން ދަތިވާތަން ފެންނާނެއެވެ. އަދި ޙަސަދަވެރިވެއެވެ.
ނަމަވެސް ޙަސަދަވެރިން ހިމެނެނީ ދެބަޔަކަށެވެ. (ފުރަތަމައީ) އެހެންމީހުންނަށް ﷲ ދެއްވާ ނިޢުމަތަށް ހިތުން ޙަސަދަވެރިވެ ހިތުން އެކަމަށް ނުރުހުންތެރިވާ މީހާއެވެ. ނަމަވެސް ޙަސަދަވެރިވާ މީހާގެ މައްޗަށް އެއްވެސްގޮތަކުން ހުށަހޮޅިނުގަނެއެވެ. އެހެން މީހުންގެ މައްޗަށް ﷲ ދެއްވާ ނިޢުމަތުގެ މައްޗަށް އޭނާ ކަންބޮޑުވެ ހާސްވެފައިވާތަން ތިބާއަށް ފެންނާނެއެވެ. ނަމަވެސް އެނިއުމަތް ލިބިފައިވާ މީހާއަށް ހުށައޮޅިނުގަނެއެވެ. (ދެވަނައީ) ނުބައިކަމާއި ބަލާވެރިކަން ޖެހެނީ ޙަސަދަވެރިވާ މީހާ ޙަސަދަވެރިކަން ހުށައެޅުމުންނެވެ. (ޙަސަދައާއިގެން ހުށަހޮޅިގަންނަ ހިނދުންނެވެ). އެހެންކަމުން ﷲ ވަޙީކުރެއްވިއެއެވެ. (إِذَا حَسَدَ) (މާނައީ: “ޙަސަދަވެރިވާ ހިނދުގައެވެ.” (އެބަހީ: ޙަސަދައާއިގެން ހުށަހޮޅިގަންނަ ހިނދުގައެވެ.))
އަދި ޙަސަދަވެރިވާ މީހާގެ މައްޗަށް އެސްފީނާ ޖެހުން، ޙަސަދަވެރިޔާގެ ޙަސަދައިގެ ތެރޭން ހިމެނެއެވެ. އެސްފީނާ ޖެހުނުމީހާގެ މައްޗަށް ޙަސަދަވެރިވިމީހާ، އޭނާނޫން އަނެކާއަށް ލިބުނު ﷲގެ ނިޢުުމަތުގެ މައްޗަށް ނުރުހުންތެރިކަންވެއެވެ. އޭނާގެ ނަފުސަށް މީހަކަށް ބޮޑު ނިޢުމަތެއް ދެއްވައިފިކަން އިޙުސާސްކުރެވުމުން އޭނާގެ ނަފުސުގެ ކިބައިން (އެސްފީނާ) ނުބައިކަން ނުކުމެއެވެ. (އެބަހީ) އެކަންވަނީ އޭނާއަށް ނޭނގިކަމުގައި އަޅުގަނޑުމެންނަށް ބަޔާންކޮށެއްނުދެވޭނެއެވެ. ދެން ފަހެ އެސްފީނާ ޖެހެއެވެ. ފަހެ އެކަންޖެހިއްޖެ މީހަކު ބައެއްފަހަރަށް މަރުވެއެވެ. އަނެއްބައިފަހަރަށް ބަލިވެއެވެ. އަނެއްބައި ފަހަރަށް މޮޔަވެއެވެ.
(އެސްފީނާގެ މިންވަރަކީ) ދަނގަޑުގެ މައްޗަށްވެސް އެސްފީނާ ޖެހެއެވެ. އެކަމުގެ މަސައްކަތް ހުއްޓޭ މިންވަރަށެވެ. ބައެއްފަހަރަށް ކާރަކަށްވެސް އެސްފީނާ ޖެހި ކާރު ހަލާކުވެދާނެއެވެ. ނުވަތަ ހުއްޓިދާނެއެވެ. އަދި ބައެއް ފަހަރަށް ފެންއަރުވާ އެއްޗަށްވެސް (ފެންމޯޓަރު ނުވަތަ ފެން ނަގަން ގެންގުޅޭ އެހެނިހެންތަކެތި) ނުވަތަ ބިމުގެ އާރޯކަމަށްވެސް(ގަސްގަހާ ގެހި ހެދޭމިންވަރަށް) ޖެހިދާނެއެވެ. އެސްފީނާއަކީ ތެދު ޙައްޤުއެއްޗެކެވެ. ﷲ ޢައްޒަ ވަޖައްލަގެ އިރާދަފުޅާއެކުގައި ޖެހޭކަމެކެވެ.
ﷲ ޢައްޒަވަޖައްލަ ޣާސިޤު އެރުމާއި (ފާޅުވުމާއި)، އަދި ގޮށަށް ފުމޭ ސިޙުުރުވެރި ކާހިނުންނާއިި، އަދި ޙަސަދަވެރިޔާ ޙަސަދަވެރިވާ ހިނދާއި، މިކަންކަން ބަޔާންކުރައްވާފައިވަނީ، ސަބަބަކީ މި ހުރިހާ ބަލާވެރި ތިން ޙާލަތަކީވެސް ފޮރުވިފައިވާ ކަންކަމެވެ. ރޭގަނޑަގެ އަނދިރިކަމުންފަރުދާއެކެވެ. އަދި ފޮރުވާލުމެކެވެ. (ވަޙީކުރައްވާފައިވެއެވެ.) (وَاللَّيْلِ إِذَا يَغْشَىٰ)(މާނައީ: އަދި ރޭގަނޑު ގަންދެއްވަމެވެ. އެރޭގަނޑުގެ އަނދިރިކަމުން ދުވާލުގެ އަލިކަން ފޮރުވައިލާ ހިނދުއެވެ. ) ރޭގަނޑުގައި ނުބައިކަމެއް (މީސްތަކުންނަށް) އެކަން އެނގުމަކާ ނުލައި ކުރެވޭނެއެވެ. (النَّفَّاثَاتِ فِي الْعُقَدِ) (މާނައީ:އަދި ގޮތްތަކަށް ފުމެއުޅޭ ސިޙުރުހަދާމީހުންގެ ނުބައިކަމުންވެސް މެއެވެ.)
ހަމައެޔާއެކުގައި ސިޙުރަކީވެސް ލޮލަށް ނުފެންނަ ފޮރުވިފައިވާ އެއްޗެކެވެ. އެވެސް ނޭނގޭނެއެވެ.
ޙަސަދަވެރިޔާ ޙަސަދަވެރިިވާ ހިނދު އެސްފީނާ އެމީހެއްގެ ފަރާތުން ޖެހޭމީހާވެސް ވަނީ ފޮރުވިފައެވެ. ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަމަށް ހީކުރާ މީހާގެ ކިބައިން އެސްފީނާ އަތުވެދާނެއެވެ. އަދި އޭނާއަށްވެސް އެންމެ ލޮބުވެތިވެގެންވާ މީހާއަކީ ތިބާކަމުގައިވެސް ވެދާނެއެވެ. އެޔާއެކުގައިވެސް ތިބާއަށް އެސްފީނާ ޖެހެއެވެ. ޣާސިޤު ފާޅުވާ ހިނދާއި، ސިޙުރުވެރިޔާ ގޮަށަށް ފުމޭ ހިނދުގަޔާއި އަދި ޙަސަދަވެރިޔާ ޙަސަދަވެރިވާ ހިނދާއި މިތިންކަން ﷲ ސުބުޙާނަހޫ ޙާއްޞަކުރައްވާފައިވަނީ މިސަބަބަށް(ފޮރުވިފައިވާކަމަށް)ޓަކައެވެ. އެހެން ނޫންނަމަ މިހުރިހާ ކަމަކީވެސް މި ވަޙީ ބަސްފުޅު ކަަމަށްވާ (مِن شَرِّ مَا خَلَقَ ( (މާނައީ: ﷲ އުފެއްދެވި ހުރިހާ ތަކެއްޗެއްގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެމެވެ.) މިބަސްފުޅުގެ ދަށަށް ވަންނާނޭ ކަންކަމެވެ.
މީހަކު މި ނުބައިވެގެންވާ ތިންކަމުންވެސް ސަލާމަތްވާނެ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އަޅުގަނޑުމެން ބުނާނީ މިފަދައިންނެވެ. މިކަމުން ސަލާމާތްވެވޭނީ އިންސާނާ އޭނާގެ ހިތް އޭނާގެ ރައްބާއި ގުޅުވާލައިގެންނެވެ. އަދި އެމީހެއްގެ ކަންތައްތައް ވެރިރައްބަށްޓަކައި އިތުރުކޮށްގެންނެވެ. އަދި ﷲއަށް ވަކީލުކުރުން ޙާޞިލުކޮށްގެންނެވެ. އަދި އެނުބައިމީސްތަކުންގެ ކިބައިން އެމީހެއްގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިިކުރުމަށް ޝަރީޢަތުގައި ބަޔާންވެފައިވަ ޒިކުރުތައް ކިޔައިބޭނުންކޮށްގެންނެވެ.
މިފަހަކަށް އައިސް މީސްތަކުންގެ ތެރޭގައި ސިޙުރުވެރިންނާއި އަދި ޙަސަދަވެރިންގެ ކިބައިން ޖެހޭކަންކަން ގިނަވުމުގެ ސަބަބަކީ މީސްތަކުން ﷲއާއި މެދު ޣާފިލުވެފައިވާލެއް ބޮޑުކަމުގެ ސަބަބުންނެވެ. އަދި ﷲއަށް ވަކީލުކުރުން ކުޑަވެފައިވާތީއެވެ. އަދި ރައްކާތެރިވުމަށް ބޭނުންކުރެވޭ ޝަރުޢީ ޒިކުރުތައް ބޭނުންކުރެވޭލެއް(ކިޔާލެއް) މަދުވެފައިވާތީއެވެ. އެހެންނޫނަސް އަހަރެމެންނަށް އެނގޭގޮތުގައި ޝަރުޢީ ވިރްދުތަކަކީ(ޒިކުރުތަކާއި ދުޢާތަކަކީ) މިކަންކަމުން ރައްކާތެރިކޮށްދެނިވި މަނާކޮށްދެނިވި އެއްޗެހިތަކެކެެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން(ގެ ކިބައިން ސަލާމަތްވުމަށް ބިނާކުރެވިފައިވާ) ފާރަށްވުރެވެސް ވަރުގަދައެއްޗެކެވެ.
ނަމަވެސް ހިތާމަޔާ އެކީގައި ފާހަގަކޮށްލަންޖެހެނީ ވަރަށް ގިނަމީހުންނަށް މިޒިކުރުތަކާއި ދުޢާތަކުން މިންވަރެއްވެސް ނޭނގޭކަމެވެ. އަދި އެނގޭމީހާވެސް ވަނީ ވަރަށް ބޮޑަށް އެޔާމެދު (އިހުމާލުވެ) ޣާފިލުވެފައެވެ. އަދި އެކިޔައިފިމީހާވެސް އެޔާމެދު އޭނާގެ ހިތްވަނީ ޣާފިލުވެ ޙާޟިރުވެގެނެއްނޫނެވެ. (އެބަހީ ކިޔަނީ ވިސްނައިގެނެއްނޫނެވެ.) މިހުރިހާ ކަންކަމަކީވެސް އުނިކަންކަމެވެ. ހަމަކަށަވަރުން މީސްތަކުން ޝަރީޢަތުގައިި އައިސްފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔާނަމަ ގިނަވެގެންވާ ނުބައިކަންކަމުން ސަލާމާތްވީހެވެ. ސަލާމާތްތެރިކަމާއި ޢާފިޔަތު ދެއްވުން އެދި އަޅުގަނޑުމެން ދަންނަވަނީ ﷲގެ ކިބައިންނެވެ.” ޢައްލާމާ އިބުނު އުޘައިމީންގެ ބަސްކޮޅު ނިމުނީ.
وصلى الله وسلم على محمد و آله وصحبه أجمعين. آمين.