ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަންކުރުމަށް ޖުޑީސަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއިން ނިންމަވައިފިއެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ފައިޞަލް އައްޔަންކުރަން ނިންމަވާފައިވަނީ ޖޭއެސްސީގެ މިއަހަރުގެ 15ވަނަ ޖަލްސާގައެވެ. ފަނޑިޔާރު ފައިސަލް މި މަޤާމަށް ޢައްޔަނުކުރެއްވުމަށް ނިންމާފައިވަނީ، ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެން، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމު ހުސްވުމުންނެވެ. ފަނޑިޔާރު ފައިޞަލް ވަނީ މި މަޤާމު ވަގުތީގޮތުން ފުރުއްވަމުން ގެންދަވާފައެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީޢަތާއި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ، 2012 އިން ފެށިގެން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ 2014 ގައި ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްކަން ކުރައްވާ، 2018 ގެ ޖުލައި 24 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެއްވިއެވެ. މީގެ އިތުރުން މި އަހަރުގެ މާރިޗުމަހުގެ 19ވަނަ ދުވަހުން ފެށިގެން، ހައިކޯޓުގެ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީވެސް އަލްއުސްތާޛު މުޙައްމަދު ފައިޞަލްއާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓެވެ. އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި ފުރަތަމަ މަރުޙަލާގެ ކޯޓުގެ ގޮތުގައި ހައިކޯޓު ކަނޑައަޅާފައިވާ މައްސަލަތައްވެސް ބަލާ ކޯޓެވެ.
ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއެކު 11 ފަނޑިޔާރުންގެ މައްޗަށެވެ. މިހާރު ހައިކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރޭގައި މުޙައްމަދު ނިޔާޒު، ޙުސައިން މަޒީދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު، ދީބީނާޒް ފަހުމީ، މުޙައްމަދު ސަލީމް، މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ޢަބްދުލްމާނިޢު ޙުސައިން ހިމެނިވަޑައިގަންނަވައެވެ.