ޒަކާތަކީ މުއްސަނދިންގެ ތަނަވަސްކަން ނިގުޅައިގަންނަ ކަމެއް ނޫން: ހުކުރު ޚުޠުބާ

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި، މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫންކަމަށް ބަޔާންކުރައްވައިފިއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި މުދާ ހޯދުމާއި، މިލްކުކުރުމާއި، ހޭދަކުރުމަށް ވަނީ ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައެވެ. މި ގޮތުން މުދަލުގެ ޙަޤީޤީ ވެރިފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމަށާއި، އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެންހުރި ފަރާތްކަން ފާހަގަކުރެއްވިއެވެ.

"ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ" މިފަދައިން ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޒަކާތުގެ މައިގަނޑު މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުންކަން ބަޔާންކުރެއްވިއެވެ.

ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، މަސައްކަތެއް ނުވަތަ ވަޒީފާއެއް ނެތް ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. މީގެއިތުރުން، މުޖުތަމަޢުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާވިޔަ ނުދިނުމަށްވެސް މިއީ މުހިންމު ނިޒާމެއްކަން ފާހަގަކުރެއްވިއެވެ.

މި ޚުޠުބާ އިއްވާފައިވަނީ 20 ޝައްވާލް 1446 (18 އެޕްރީލް 2025) ވީ ހުކުރު ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު