الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެންމެ މަތިވެރިވެގެންވާ އަޅުކަމުގެ ތެރެއިން އަޅުކަމެކެވެ. އެކަމުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ކީރިތި ޤުރުއާނުގައި އަމުރުކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
(إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا) سورة الأحزاب: 59
މާނައީ: "ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާން ވެއްޖެ މީސްކަތުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ"
މިއާޔަތުގައި އެމަތިވެރިވެގެންވާ ޢަމަލު ފައްޓަވާފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޒާތުފުޅުންނެވެ. އެޔަށްފަހު މަލާއިކަތުންނެވެ. އެޔަށްފަހު ﷲއަށް އީމާންވީ މީސްތަކުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއަންގަވަނީ ޞަލަވާތާއި ސަލާމް ނަބިއްޔާ ޞައްލަﷲ ޢަލައިހިގެ ވަސައްލަމަގެ މައްޗަށް ކުރުމަށެވެ.
ތަފުސީރު އިބުނު ކަޘީރުގައި އިމާމު ބުޚާރީ ވިދާޅުވިމަށް ރިވާވެގެންވެއެވެ. "އަބޫ ޢާލިޔާ ވިދާޅުވިއެވެ. ﷲގެ ޞަލަވާތަކީ މަލާއިކަތުންގެ އަރިހުގައި (ނަބިއްޔާއަށް) ޘަނާ ދެންނެވުމެވެ. އަދި މަލާއިކަތުންގެ ޞަލަވާތަކީ ދުޢާކުރުމެވެ. އަދި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ސަލަވާތަކީ ބަރަކާތް ލެއްވުމެވެ."
އަދި ތަފުސީރު އިބުނު ކަޘީރުގައި ރިވާވެގެންވެއެވެ. "އިމާމު ތިރްމިޛީ ވިދާޅުވިއެވެ. އިމާމު ސުފްޔާނުއް ޘައުރީއާ އަދި އެނޫންވެސް ޢިލްމުގެ އަހުލުވެރިންގެ ކިބައިން ރިވާވެގެންވެއެވެ. ﷲގެ ޞަލަވާތަކީ ރަޙުމަތެވެ. އަދި މަލާއިކަތުންގެ ޞަލަވާތަކީ އިސްތިޣުފާރެވެ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަދި މަލާއިކަތުން ޞަލަވާތް ލެއްވުމުގެ މުރާދަކީ މިއީއެވެ.
އަދި މިއާޔަތުގެ މުރާދު ނުވަތަ މަޤްޞަދު ބަޔާންކޮށްދެއްވަމުން އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ.
"މިއާޔަތުގެ މަޤްޞަދުތަކުގެ ތެރޭގައި: ހަމަކަށަވަރުން ﷲ ސުބުޙާނަހޫ އެންމެ މާތްވެގެންވާ ﷲގެ ދަރުބާރުގައި އެއިލާހުގެ އަޅާ އަދި ނަބިއްޔާގެ މަޤާމު އެއިލާހުގެ އަޅުތަކުންނަށް އެންގެވުން ހިމެނެއެވެ. ސަބަބަކީ އެއިލާހާއި އެންމެ ކުއްތަންވެގެންވާ އަރިސްވެގެންވާ މަލާއިކަތުންގެ އަރިހުގައި އެކަލޭގެފާނުގެ މައްޗަށް ޘަނާ ދަންނަވަނީއެވެ. އަދި ހަމަކަށަވަރުން މަލާއިކަތް ބޭކަލުންވެސް އެކަލޭގެފާޏުގެ މައްޗަށް ޞަލާވާތް ލައްވަނީއެވެ. އަދި އެއިލާހު ސުބުޙާނަހޫ ވަތަޢާލާ އެޔަށްފަހު ދަށުގައިވާ ޢާލަމަށް (ދުނިޔޭގައިވާ) މީސްތަކުންނަށް އެކަލޭގެފާނުގެ މައްޗަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ދެންނެވުމަށް އަމުރުކުރައްވަނީއެވެ. އެއީ ދެ ޢާލަމުގެ ޞަލަވާތް އެކަލޭގެފާނުގެ މައްޗަށް ޖަމާކުރުމަށްޓަކައެވެ. އެއީ އުޑާއި އަދި ބިމުގެ އަހުލުވެރިންގެއެވެ."
އަދި މި ޢަމަލަކީ ވަރަށްވެސް މާތްވެގެންވާ ޢަމަލެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޢަމަލުގެ މާތްކަމާއި ބެހޭގޮތުން ވަރަށް ގިނަ ޙަދީޘް ކުރައްވާފައިވެއެވެ.
(عَنْ كَعْبِ بْنِ عُجْرَةَ رَضِيَ اللَّهُ عَنْهُ قِيلَ يَا رَسُولَ اللَّهِ أَمَّا السَّلَامُ عَلَيْكَ فَقَدْ عَرَفْنَاهُ فَكَيْفَ الصَّلَاةُ عَلَيْكَ؟ قَالَ: قُولُوا اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ) رواه البخاري.
މާނައީ: ކަޢުބު ބިން ޢުޖްރާ ރަޟިޔަﷲ ޢަރިހުން ރިވާވެގެންވެއެވެ. ބުނެވުނެވެ. "އޭ ރަސޫލުﷲއެވެ. ކަލޭގެފާނުގެ މައްޗަށް ސަލާމްކުރާނެ ގޮތް އަހަރެމެންނަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީ ކިހިނެއް ހެއްޔެވެ؟ ވިދާޅުވިއެވެ. ތިޔަބައިމީހުން (މިފަދައިން) ކިޔާށެވެ. اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ"
މިގޮތަށް އެކި އެކި ލަފުޒުތަކުން ޞަޙީހް ބުޚާރީ އަދި މުސްލިމްގައި ރިވާވެފައިވެއެވެ. އެންމެ މާތްވެގެންވާ ސަލަވާތަކީ މިއެވެ. ނަމާދުގައިވެސް އައްތަހިއްޔާތުގައި ކިޔާ ޞަލަވާތަކީ މިއެވެ.
އެޔަށްފަހު ޞަލާމްކުރާނެ ގޮތަކީ (السلام عليك يا رسول الله ورحمة الله وبركاته) ނުވަތަ އައްސަލާމް އަލައިކަ ޔާ ރަސޫލުﷲ މިފަދައިންނެވެ. އޭގެ މާނައަކީ ނަބިއްޔާގެ މައްޗަށް ސަލާމް ލައްވާންދޭވެ. އަދި ކޮންމެ ތަނެއްގައި ހުރެގެން މިފަދައިން ސަލާމްކުރި ކަމުގައިވިޔަސް ނަބިއްޔާއަށް އެސަލާމް ހުށައެޅި އެކަލޭގެފާނު ރައްދުދެއްވާނެ ކަމަށް ޙަދީޘްގައި އައިސްފައިވެއެވެ.
ސަލަވާތް ކިޔަވަން އެންމެ މޮޅު އިތުރުވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. އެއީ އެދުވަހާއި ރޭ އެކަން ކުރުމަށް ނަބިއްޔާ އަމުރުކޮށްފައިވާތީއެވެ. އެހެންކަމުން މިއަޅުކަން ހުކުރު ދުވަހު ގިނަކުރުން މޮޅު އިތުރުވެގެންވެއެވެ. އަދި ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހުކުރު ދުވަހުގެ އެންމެ މާތްވެގެންވާ ދުޢާ އަދި ޒިކުރަކީވެސް މިއެވެ.
އަދި ޞަލަވާތާއި ސަލާމް ލެއްވުމުގެ މާތްކަމާއި ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް ރިވާވެފައިވެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(إن جبريل عليه السلام قال لي : ألا أبشرك ؟ إن الله عز وجل يقول : من صلى عليك صليت عليه ، ومن سلم عليك سلمت عليه )
މާނައީ: "ޖިބްރީލް ޢަލައިހިއްސަލާމް ތިމަންކަލޭގެފާނަށް ދެންނެވިއެވެ. އުފާވެރި ޚަބަރެއް ކަލޭގެފާނަށް ދެއްވަންހެއްޔެވެ؟ ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. "ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިފިމީހަކަށް ﷲ ރަޙުމަތް ލައްވާނެއެވެ. އަދި ކަލޭގެފާނުގެ މައްޗަށް ސަލާމްކޮށްފި މީހަކަށް ﷲ ސަލާމްލައްވާނެއެވެ."
އަދިވެސް ކޮންމެ ސަލަވާތަކަށް ފާފައެއް ފުއްސެވޭނެ ކަމާއި އަދި ދަރަޖައެއް އުފުއްލެވޭނެ ކަމާއި އަދި އެއްފަހަރު ޞަލަވާތްކިޔައިފިމީހަކަށް ދިހަ ފަހަރު ޞަލަވާތް ލެއްވޭނެކަމަށް ޙަދީޘްގައި ޒިކުރުވެފައިވެއެވެ. އަދި ޤިޔާމަތް ދުވަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެންމެ އަރިސް ބަޔަކީ އެންމެ ގިނައިން ޞަލަވާތް ކިޔަވާ މީހުންކަމަށް ޙަދީޘްގައި ރިވާވެފައިވެއެވެ. ވީމާ މިމަތިވެރި ޢަމަލުން ޖަރީވާ ބަޔެއްކަމުގައި ލައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތް ލިބޭ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލައްވާށިއެވެ.
وصلى الله وسلم على محمد وآله وصحبه أجمعين.