ނަބިއްޔާ ﷺ ގެ ނަންފުޅުން ހުވާކުރުމުގެ ޙުކުމް

ޖަވާބުދެއްވީ ފަޟީލަތުއް ޝައިޚު ބިން ބާޒު ރަޙިމަހުﷲ.

ސުވާލު: ސުވާލުކުރާ ފަރާތް (ނަމުގެ ރަމްޒު: ޢ.ޢ.އ) ލިޔުއްވާފައިވަނީ: ބައެއް މީހުން އާދަޔަކަށް ހަދާފައިވަނީ ނަބިއްޔާ ﷺ ގެ ނަންފުޅުން ހުވާކުރުމެވެ. މިއީ މިހާރު އެބައިމީހުންގެ މެދުގައި ޢާއްމު ކަމަކަށް ވެފައިވެއެވެ. އަދި އެބައިމީހުން އިޢުތިޤާދެއްގެ ގޮތުން އެކަން ނުކުރެތެވެ. އެހެންވީމާ މީގެ ޙުކުމަކީ ކޮބައިތޯ؟

ޖަވާބު: ނަބިއްޔާ ﷺ ގެ ނަންފުޅުން ނުވަތަ އެހެން މަޚްލޫޤެއްގެ ނަމުން ހުވާކުރުމަކީ ނުބައިކަން ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި އެއީ ޝިރުކީ ޙަރާމްތަކުގެ ތެރެއިން ކަމެކެވެ. އަދި އެކަކަށްވެސް ﷲ ފިޔަވައި އެހެން ފަރާތަކުން ހުވާކުރުން ހުއްދައެއް ނޫނެވެ. އިމާމް އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ އިޖްމާޢު ބަޔާންކުރައްވާފައިވަނީ ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަމުން ހުވާކުރުން ހުއްދަނޫން ކަމަށެވެ. އަދި ނަބިއްޔާ ﷺ ގެ ކިބައިން އެކަން މަނާކުރައްވާފައިވާ ޙަދީޘްތައް ޞައްޙަވެގެންވެއެވެ. އަދި އެއީ ޝިރުކުގެ ބާވަތެއް ކަމުގައިވާ ވާހަކަވެސް އެކަލޭގެފާނުގެ ކިބައިން އައިސްފައިވެއެވެ.

އެގޮތުން ބުޚާރީއާއި މުސްލިމްގެ ޞަޙީޙައިންގައި އައިސްފައިވާ ގޮތުގައި ނަބިއްޔާ ﷺ ވިދާޅުވިއެވެ: ["ﷲ އެކަލާނގެއީ ތިޔަބައިމީހުން ތިޔަބައިމީހުންގެ ކާބަފައިންގެ ނަމުން ހުވާކުރުން މަނާކުރައްވައެވެ. ފަހެ ހުވާކުރަން ބޭނުންވާ މީހާﷲގެ ނަންފުޅުން ހުވާކުރާށެވެ. ނުވަތަ ހަނުހުންނާށެވެ."] އަދި އަނެއް ރިވާޔަތެއްގައިވަނީ: ["ހުވާކުރަން ބޭނުންވާ މީހާ ﷲ ފިޔަވައި އެހެން ފަރާތަކުން ހުވާ ނުކުރާށެވެ. ނުވަތަ ހަނުހުންނާށެވެ."]

އަދި އަބޫ ދާވޫދާއި ތިރުމިޛީ ޞައްޙަ އިސްނާދަކާއެކު ރިވާކުރައްވާފައިވަނީ ނަބިއްޔާ ﷺ ވިދާޅުވިކަމަށެވެ: ["ﷲ ފިޔަވައި އެހެން ފަރާތަކުން ހުވާކުރާ މީހާ ކާފިރުވެއްޖެއެވެ. ނުވަތަ ޝިރުކު ކޮށްފިއެވެ."] އަދި އެކަލޭގެފާނުގެ ކިބައިން ޞައްޙަވެގެންވާ ގޮތުގައި ވިދާޅުވިއެވެ: ["އަމާނާތުގެ ނަމުން ހުވާކުރާ މީހާ އަހުރެމެންގެ ތެރެއިން ނުވެއެވެ."]

މިބާބުގައި އައިސްފައިވާ ޙަދީޘްތައް ވަރަށް ގިނައެވެ. އަދި އެއީ މަޝްހޫރު ޙަދީޘްތަކެކެވެ. ހުރިހާ މުސްލިމުންގެ މައްޗަށްވެސް ވާޖިބުވެގެންވަނީ ﷲ ފިޔަވައި އެހެން ފަރާތަކުން ހުވާ ނުކުރުމެވެ. ބަޔާންވެދިޔަ ޙަދީޘްތަކަށް ބަލާއިރު އެއްވެސް މީހަކަށް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކުން ހުވާކުރުން ހުއްދައެއް ނޫނެވެ.
އަދި އެކަން އާދައަކަށް ހަދާފައިވާ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަމުން ދުރުވުމެވެ. އަދި އެމީހެއްގެ އާއިލާއާއި، އޭނާ ގާތުގައި އިންނަ މީހުންނާއި، އެނޫން މީހުންނަށްވެސް އެކަން ނަހީކުރުމެވެ. އެހެނީ ނަބިއްޔާ ﷺ ވިދާޅުވިއެވެ: ["ތިޔަބައިމީހުންކުރެ މީހަކު މުންކަރާތެއް ދެކެފިނަމަ، އެކަމެއް އޭނާގެ އަތުން ބަދަލުކުރާށެވެ. ފަހެ އެކަން ނުކުޅަދާނަވެއްޖެނަމަ، އޭނާގެ ދުލުން (ނަހީކުރާށެވެ). ފަހެ އެކަންވެސް ނުކުޅަދާނަވެއްޖެނަމަ، އޭނާގެ ހިތުން (ނުރުހި ހުންނާށެވެ). އަދި އެއީ އެންމެ ބަލިކަށި އީމާންކަމެވެ."] މި ޙަދީޘް އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ.
އަޅުގަނޑުމެން ކުރިން ބަޔާންކުރި ޙަދީޘަށް ބަލާއިރު، ﷲ ފިޔަވައި އެހެން ފަރާތަކުން ހުވާކުރުމަކީ ޝިރުކު އަޞްޣަރު (ކުޑަ ޝިރުކު) ގެ ތެރެއިން ކަމެކެވެ. އަދި ހުވާކުރާ މީހާގެ ހިތުގައި، ހުވާކުރާ ފަރާތަކަށް ﷲ އަށް ޙައްޤުވެގެންވާ ތަޢުޡީމެއް ޙައްޤުވެގެންވާކަމަށް، ނުވަތަ ﷲ އާއެކު އެފަރާތަކަށް އަޅުކަންކުރުން ހުއްދަކަމަށް އިޢުތިޤާދުކުރާނަމަ، އެއީ ޝިރުކު އަކްބަރު (ބޮޑު ޝިރުކު) ކަމުގައި ވެގެންދާނެއެވެ.
އަޅުގަނޑުމެން ﷲ އަށް ދުޢާ ދަންނަވަނީ: އެކަލާނގެ ހުރިހާ މުސްލިމުންނަށް އެފަދަ ކަންކަމުން ސަލާމަތްކަން ދެއްވާށިއެވެ. އަދި އެކަލާނގެ އެބައިމީހުންނަށް އެބައިމީހުންގެ ދީނުގައި ފިޤުހީ ޢިލްމު ދެއްވާށިއެވެ. އަދި އެކަލާނގެ ކޯފާއަށް މަގުފަހިވާ ކަންކަމުން ސަލާމަތްކަން ދެއްވާށިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ، ގާތްވެވޮޑިގެންވާ ރަސްކަލާނގެއެވެ.[1]

މަޞްދަރު: (ޝައިޚް އިބްނު ބާޒްގެ މަޖްމޫޢު ފަތާވާ ވަމަޤާލާތް 3/144)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު