ދުންފަތް މަނާކުރަން ނިންމެވުމުން ޖީލުތަކުގެ ސަލާމަތަށް ރައީސް ޑރ.މުޢިއްޒު އިސްކަންދެއްވާ މިންވަރު ހާމަވޭ

2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ފުންމިން ދައްކުވައިދޭ ނިންމެވުމެކެވެ. މި އިޞްލާޙާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައްކަވާފައިވާ ވާހަކަފުޅުތަކުން މި ނިންމެވުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ކެންސަރުގެ ނުރައްކާ
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، 2020 ވަނަ އަހަރު ރާއްޖޭގައި އަލަށް 496 ކެންސަރު ކޭސް ފެނި، 264 މީހުން މަރުވެފައިވެއެވެ. އަދި ކޮންމެ 100،000 މީހުންގެ ތެރެއިން 105.3 މީހަކަށް ކެންސަރު ޖެހޭކަން މެންބަރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރުގެ ސަބަބުންކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

އިޖުތިމާޢީ ފޭރާން ވަރުގަދަކުރުން
ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފް ވިދާޅުވި ގޮތުގައި، މި އިޞްލާޙުގެ އެންމެ މުހިންމު ބޭނުމަކީ އަންނަން އޮތް ޖީލު ސަލާމަތްކޮށް، ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމެވެ. ދުނިޔޭގައި ދުންފަތާ ގުޅުންހުރި ބަލިތަކުގައި އަހަރަކު ގާތްގަނޑަކަށް 8 މިލިޔަން މީހުން މަރުވާކަން މެންބަރު ފާހަގަކުރެއްވިއެވެ.

ޤައުމީ ފިޔަވަޅެއްގެ ގޮތުގައި
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވި ގޮތުގައި، ދުންފަތް މަނާކުރުމަކީ ޒުވާން ޖީލު ސަލާމަތްކުރުމަށްޓަކައި އެޅޭ ޤައުމީ ފިޔަވަޅެކެވެ. މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުންފަތުގެ ސަބަބުން ގެއްލުންވާ ކަމާމެދު ދެބަސްވާނެ އެކަކުވެސް ނުހުންނާނެއެވެ.

ރައީސް މުޢިއްޒުގެ ހަރުދަނާ ނިންމެވުން
މެންބަރު ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، ތަފާސްހިސާބުތަކުން ކެންސަރުގެ ނުރައްކާތެރިކަމާއި އަދި އެކަމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުރައްކާ އެނގޭއިރު، ޤައުމުގެ މުސްތަޤުބަލު ސަލާމަތްކޮށް އަންނަން އޮތް ޖީލުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެކެވެ.

ސިޔާސީ ވާދަވެރިކަމުން އެއްކިބާވުން
މެންބަރު ފަލާޙު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މުހިންމު ޤައުމީ މައްސަލައެއްގައި ސިޔާސީ ވާދަވެރިކަން ނުގެންގުޅުމަކީ މުހިންމު ކަމެކެވެ. އަންނަން އޮތް ޖީލަށް ހުޅުވިގެން މިދިޔައީ ދުންފަތުގެ ނުބައި އާދައާ ދުރުވުމަށް ރަނުގެ ފުރުޞަތެއްކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މި ނިންމެވުމަކީ ޤައުމުގެ މުސްތަޤުބަލަށް އަމާޒުކޮށް ނިންމަވާފައިވާ އެންމެ މުހިންމު އެއް ނިންމެވުމެވެ. އަދި މަޖިލިސް މެންބަރުންގެ ވާހަކަފުޅުތަކުން ހާމަވާ ގޮތުގައި، މި ނިންމެވުމަކީ ދިވެހި ޤައުމުގެ ދުޅަހެޔޮކަމަށާއި، އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ނިންމެވުމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ދުންފަތުގެ ނުރައްކަލުން ސަލާމަތްވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު