ޖަވާބުދެއްވީ: ފަޟީލަތުއް ޝައިޚު ޢަބްދުލްޢަޒީޒް ބިން ބާޒު ރަޙިމަހުﷲ.
ސުވާލު: އަޅުގަނޑުމެންގެ އެކުވެރިޔާ އަހަރެން ކައިރީގައި އަހަނީ ފަޖުރު ފަރުޟު ނަމާދުގެ ކުރިން ފަޖުރު ސުންނަތް ދެރަކުޢަތް ނުކުރެވުނު މީހާ އެ ނަމާދު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި އޭނާ ބުނަނީ: ނަބިއްޔާ ﷺ ގެ ކިބައިން އެބައޮވޭ ޙަދީޘެއް: (ފަޖުރުވުމަށްފަހު އިރުއަރާ ހިނދަށް ދާންދެން ނަމާދު ކުރުމެއް ނެތެވެ.) އެހެންވީމާ މި މަނާކުރެއްވުން ފަހުން އެ ފަޖުރު ސުންނަތް ފަރުޟު ނަމާދުގެ ފަހަތުން އަދާކުރުމަށް ވަންނާނެތޯ؟ އަޅުގަނޑުމެންނަށް މިކަން ބަޔާންކޮށްދެއްވާށެވެ. ﷲ ތިޔަބޭފުޅުންނަށްވެސް ފައިދާކޮށްދެއްވާނެއެވެ.
ޖަވާބު: ފަޖުރު ސުންނަތް ފާއިތުވެއްޖެ މީހާއަށް، އޭގެ ފަހުން އެ ސުންނަތް އަދާކުރުން ޝަރުޢުކުރެވިގެންވެއެވެ. އެއީ އިރު އަރައި، އިރު އުސްވުމަށްފަހު(އެބަހީ ޟުޙާ ވަޤުތުވުމަށްފަހު) އެނަމާދު ކުރިއްޔާ އެއީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެހެނީ ނަބިއްޔާ ﷺ ގެ ކިބައިން އެފަދައިން އަމުރު ކުރެއްވިކަން ޞައްޙަވެގެންވެއެވެ. އަދި ފަޖުރު ނަމާދުކުރުމަށްފަހު ފަޖުރުގެ ސުންނަތް އަދާކުރިޔަސް ހުއްދައެވެ. އެހެނީ ނަބިއްޔާ ﷺ ގެ ކިބައިން ސާބިތުވެގެންވަނީ، އެކަލޭގެފާނު މީހަކު ފަރުޟު ނަމާދުގެ ފަހަތުން ނަމާދުކުރާތަން ދެކެލެއްވިއެވެ. ފަހެ އެކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ: "ކަލޭ ފަތިސް ނަމާދު ހަތަރު ރަކުޢަތް ކުރަނީހެއްޔެވެ؟" އެމީހާ ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މިއީ ފަޖުރު ސުންނަތެވެ. އަޅުގަނޑަށް ފަރުޟު ނަމާދުގެ ކުރިން މިނަމާދު ނުކުރެވުނެވެ." ފަހެ، ނަބިއްޔާ ﷺ އެކަމާމެދު ދެކޮޅު ހެއްދެވުމެއްނެތި ހުންނެވިއެވެ.
މިއީ ފަޖުރު ނަމާދުގެ ފަހަތުން އެނަމާދު ޤަޟާކުރުމުގައި މައްސަލައެއް ނެތްކަން ދަލީލުކޮށްދޭ ކަމެކެވެ. އަދި އެއީ (ފަޖުރުވުމަށްފަހު ނަމާދުކުރުމެއް ނެތެވެ) މި ޙަދީޘާ (ފަތިސް ނަމާދަށްފަހު ނަމާދުކުރުމެއް ނެތެވެ) މި ޙަދީޘުން އިސްތިޘްނާ ކުރެވިގެންވާ ނަމާދެކެވެ. ފަޖުރު ސުންނަތަކީ ފަތިސް ނަމާދަށްފަހު ނަމާދުކުރުން މަނާކުރެއްވި ޢާންމު ޙަދީޘްތަކުން އިސްތިޘްނާ ކުރެވިގެންވާ ނަމާދެކެވެ. އެހެންކަމުން އެނަމާދު ފަތިސް ނަމާދުގެ ފަހަތުން ޤަޟާ ކުރެވިދާނެއެވެ. އަދި އިރުއަރަންދެން(ޟުޙާ ވަޤުތުވަންނަންދެން) ލަސްކޮށްފިނަމަ އެއީ އެންމެ މޮޅުއިތުރު ގޮތެވެ. ނަމަވެސް ބައެއް މީހުން އެނަމާދު ފަހަށް ލަސްކޮށްފިނަމަ ހަނދާންނެތިދާނެއެވެ. އެހެންވީމާ ވަގުތުން ނަމާދުގެ ފަހަތުން އެނަމާދު ކޮށްފިނަމަ އިންޝާﷲ މައްސަލައެއް ނެތެވެ. އާނއެކެވެ.