ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރުމާގުޅޭ ގައިޑްލައިން އާންމުކޮށްފި

ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރުމުގައި ޢަމަލު ކުރާނޭގޮތުގެ ގައިޑްލައިން އާންމުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި، ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރު ރިޕޯޓްކުރުމުގައި ޢަމަލުކުރާނޭގޮތުގެ ގައިޑްލައިން އެކުލަވާލުމުގެ އަމާޒަކީ މިމަޢުޟޫޢަށް ލިޔުމުގެ ތެރެއިން މާނަވީ އިޖުތިމާޢީ ބަދަލުތައް ގެނައުމަށް މީޑިއާ ބާރުވެރިކުރުވާ މުޖުތަމަޢުގެ ޢާންމު ވިސްނުން ބައްޓަންކުރުމުގެ މައްޗަށް މީޑިއާގެ ކިބައިގައިވާ ބާރު އީޖާބީގޮތެއްގައި ބޭނުންކުރެވިދިޔުމަށް މަގުދެއްކުމެވެ.

އަދި މިގައިޑްލައިން ފަރުމާކުރެވިފައިވަނީ، ނަފްސާނީ ޞިއްޙަތާއި އަދި އަމިއްލައަށް މަރުވުމުގެ މައްސަލަތައް މީޑިއާގެ ޒަރީޢާއިން ރިޕޯޓްކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރިޕޯޓްކުރުމަށް މީޑިއާއަށް އެހީތެރިވުމުގެ މަޤްޞަދުގައެވެ. އެގޮތުން މިގައިޑްލައިންގާ ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި އެކިއެކި ޙާލަތްތަކަށް ރައްދުވާ ޢާއްމު އުޞޫލުތަކުގެ އިތުރުން ނަފްސާނީ ބަލި ހުންނަ ފަރާތްތަކުން ހިންގާ އަނިޔާއާއި ކުށުގެ ޢަމަލުތައް ރިޕޯޓްކުރުމުގައި ޚާއްޞަ ސަމާލުކަންދޭންވާ ކަންކަމާއި ކުޑަކުދިންނަށް ނިސްބަތްވާ ނަފްސާނީ ޞިއްޙަތުގެ ޚަބަރު ރިޕޯޓުކުރުމުގައި ސަމާލުކަންދޭންވާ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މިގައިޑްލައިންގައި ރިޕޯޓުކުރުމުގައި ޢާންމުންނަށް ހުށަހެޅޭ މަޢުލޫމާތަކީ ޞައްޙަ، ރަނގަޅު، އަދި އިންޞާފުވެރި މަޢުލޫމާތަށްވުން ޔަޤީންކުރުމަށްޓަކައި ޢަމަލުކުރާނޭގޮތުގެ އުޞޫލުތައް ހިމަނާފައިވެއެވެ. އަދި ބަހާއި ތަޞްވީރު އިޚްތިޔާރުކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޚަބަރު އެކަށައެޅުމުގައި ފޯކަސްކުރާނޭ އެންގަލް އިޚްތިޔާރުކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، ޚަބަރުގައި ހިމަނާނޭ ތަފްޞީލްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ކަންކަން ބަޔާންކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ގައިޑްލައިން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު