ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތްގެ ސެމީފައިނަލަށް ނުގޮސް އެންމެ ފަހުގެ ޗެމްޕިއަން ވެލިދޫ ސްޕޯޓްސް ކްލަބު މުބާރާތުން ކަޓައިފިއެވެ.
ގްރޫޕް 2 ގެ އެންމެ ފަހު މެޗަށް އިއްޔެ ހަވީރު ނިކުންއިރު ، ވެލިދޫ އާއި މަގޫދޫއަށްވެސް ސެމީފައިނަލަށް ދިއުމުގެ ފުރުޞަތު އޮތެވެ. އިއްޔެ ހަވީރު ވެލިދޫ ވޮލީކޯޓުގައި ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން ކާމިޔާބު ކުރީ މަގޫދޫ ވޮލީބޯޅަ ޓީމެވެ. މަގޫދޫގެ ސެޓްތައް ގެންދިޔައީ 25-23 ، 25-20 އަދި 15-7 އިންނެވެ. ވެލިދޫގެ ސެޓްތައް ގެންދިޔައީ 18-25 އަދި 21-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މަގޫދޫ ޓީމުގެ އިނާޒް ޢަބްދުﷲ އެވެ.

ދެން މި މުބާރާތުގައި އޮންނާނީ ސެމީ ފައިނަލް މެޗުތަކެވެ. 9 މެއި ވާ ހުކުރު ދުވަހު ހަވީރު ކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް 1 ގެ އެއްވަނަ ޓީމު މާޅެންދޫ ވޮލީ ޓީމާއި ގްރޫޕް 2 ގެ ދެވަނަ ޓީމު މަގޫދޫ ވޮލީޓީމެވެ. އަދި އެ ދުވަހުގެ ރޭ ކުޅޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް 2 ގެ އެއްވަނަ ޓީމު ހެނބަދޫ ވޮލީޓީމާއި ގްރޫޕް 1 ގެ ދެވަނަ ޓީމު ކެނދިކުޅުދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ 11 މެއި ވާ އާދީއްތަ ދުވަހު ހަވީރު 4:00 ގައެވެ.