ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޔަހޫދީ ފައުޖުގެ ގިނަ އަދަދެއްގެ ސިފައިން މަރައިލައިފިއެވެ. ޙަމާސް ޖަމާޢަތުން މިކަން ހާމަކުރަމުން ބުނެފައިވަނީ، ރަފަޙަށް އެއްގަމު މަގުން އަރައި ޤަތުލުޢާންމު ހިންގަމުންދާ އަދި ޢާންމުންގެ ގެދޮރު ސުންނާފަތި ކުރަމުންދާ ޔަހޫދީ ފައުޖުގެ ސިފައިންނާ ދެކޮޅަށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 61,700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ވަޒަނުން ބޭރުކުރެވިފައެވެ.
ޙަމާސްގެ ހަތިޔާރުއެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުން ހާމަކުރި ގޮތުގައި، ރަފަޙްގެ އަލް-ޖުނަޔިނާ އަވަށުގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީ ސިފައިންގެ ބައިގަނޑަކަށް ޙަމަލާދީ، 12 ސިފައިން ވަނީ މަރައިލެވިފައެވެ. މި ޙަމަލާގައި މަރުވި އަދި ޒަޚަމްވި ސިފައިން ސަލާމަތްކުރުމަށް ހެލިކޮޕްޓަރުތައް ބޭނުންކުރަމުންދާކަން ޢައިން ހެކިން ވަނީ ފާހަގަކޮށްފައެވެ.
ޖަނަވަރީ 19 ގައި ޙަމާސްއާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުން ޔަހޫދީން ޚިލާފުވެ، މާރިޗު 18 ގައި އަލުން ޣައްޒާއަށް ޙަމަލާދޭން ފެށުމަށްފަހު، 2,300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ޝަހީދުންގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.
ޙަމާސްގެ މުޖާހިދުން މި ވަގުތުވެސް ދަނީ ރަފަޙްގައި ތިބި ޔަހޫދީ ސިފައިންނާ ދެކޮޅަށް ހަރުދަނާ ޙަމަލާތައް ދެމުންނެވެ. މި ޙަމަލާތަކާ ގުޅިގެން ޔަހޫދީ ސިފައިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ﷲ އަކުބަރު ﷲ އަކުބަރު ތީ ހާދަ އުފާވެރި ޚަބަރެކޭ ތިކަހަލަ ޚަބަރު ގިނަގިނައިން ލިބޭނަމަ ހާދައުފާވެޔޭ ފަލަސްތީނުގެ މުޖާހިދުންނަށް ކާމިޔާބާއި ފަތަޙަ އާއި ނަޞްރުއޮތީ ވަރަށް ކާރީގަ އިންޝާﷲ