"މޯލްޑިވްސް 2.0″ އަކީ ރާއްޖެ އިންޤިލާބީގޮތުން ޑިޖިޓަލައިޒްކުރުމުގެ ފެށުންކަމަށާއި މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ހިންގޭ މަޝްރޫޢެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވުނު "މޯލްޑިވްސް 2.0″ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުގެ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒޭޝަން ނިޒާމަކުން މިހާރަށްވުރެ ފުޅާކޮށް ގުޅުވާލުމަށް އިފްތިތާޙްކުރި ޚާއްސަ މަޝްރޫޢެއްކަމަށެވެ.
ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، މިއީ ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. އަދި މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އަދި ދައުލަތުގެ 3 ބާރުގެވެސް ފުރިހަމަ ބައިވެރިވުން ހިމެނޭ މަޝްރޫޢެއްކަމަށް ފާހަގަކުރެއްވިއެވެ.
President Dr @MMuizzu attends the inaugural session of the Maldives 2.0 Digital Transformation Summit. The summit kicks off dialogue on materialising the President's @digitalgovmv vision, whereby Maldives aims to transform its public service landscape through sectoral digital… pic.twitter.com/4yfcVW4Enq
— The President's Office (@presidencymv) May 9, 2025
"ރައީސް ޑރ. މުޢިއްޒުގެ ޑިޖިޓަލައިޒްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ. މުޅި މަސައްކަތް ކުރިއަށްގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޗެއަރކުރައްވާ، މި ދާއިރާގެ އެކްސްޕާޓުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލުގެ ބެއްލެވުމުގެ ދަށުން،" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެސްޓޯނިއާގެ އޮފީސް އޮފް ދަ ޕްރެޒިޑެންޓްގެ ޑިޖިޓަލް ކައުންސިލުގެ މެންބަރު އަދި އެސްޓޯނިއާގެ އީ-ގަވަރނަންސް އެކެޑަމީގެ ކޯ-ފައުންޑަރ ލިނަރ ވިކް ވިދާޅުވީ، ރާއްޖެއާއި އެސްޓޯނިއާއަކީ އެއްގޮތް ގިނަ ކަންތައްތަކެއް ހިއްސާކުރާ ދެ ޤައުމުކަމަށާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރިއަށްދިއުމަށް ރާއްޖޭން ކުރާ މަސައްކަތުގައި އެ ޤައުމުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ސަމިޓުގައި "މޯލްޑިވްސް 2.0″ ގެ ދަށުން ރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމްވެގެންދާނެ ގޮތާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.